Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އަތޮޅުތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ބަލި ދެނެގަތުމަށް ތަޙްލީލްތައް ކުރުމަށްޓަކައި ސަރުކާރުންކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެގޮތުން، "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަޙްލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި ކާޓްރިޖްތައް ރާއްޖެއަށް ޙަވާލްކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މެދުނުކެނޑި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖީން އެކްސްޕާޓް މެޝިންގެ ކާޓްރިޖް ދިވެހިރާއްޖެއަށް ގެނައުމުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކުރައްވައި އެފަރާތަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މާލޭގެ އިތުރުން މިހާރުވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރެވޭއިރު، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު 6 ރަށެއްގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.