Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މާދަމާ ސަރުކާރު އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއު ނޯމަލްގެ ގަވާއިދުތަކުގެ ދަށުން މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނެ ކަމަށެވެ. އަދި ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތައް ހިމެނޭގޮތުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް އަލުން ފެށުމުގެ ހުއްދަ ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިއްޔެ ވަނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަމުން އަންނަ ދަރުބާރުގެ އަށް ވަޑައިގެންފައެވެ. ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، ރައީސް ވިދާޅުވީ މި ބަދަލާއިއެކު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެންއީއޯސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ކޮވިޑް19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

އަދި، ބައެއް އެހެން ޤައުމުތައް ދިޔަފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވެވިއެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ.