Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައި ވާތީ އެފްއޭއެމް އަށް ފިޔަވަޅު އަޅަން މަޖިލީހަށް މައްސަލައެއް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - ފޮޓޯ: މަޖިލިސް

ކުޅިވަރުގެ ޤާނޫނާއި ފީފާގެ އުސޫލުތަކާ ހިލާފަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އާޒިމް މި މައްސަލަ ހުށަހެޅީ ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ފިޔަވަޅު އަޅާފައި ނުވާތީއެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 31 މެންބަރުންގެ ވޯޓުންނެވެ.

އާޒިމް ވަނީ އެފްއޭއެމް އިން ގާނޫނާއި އެއްގޮތަށް އަމަލު ނުކުރާ ކަމަށްވާ ނަމަ ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި އޭނާ ވަނީ ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ފިޔަވަޅު އެޅުމަށް އެންގުމަށް ގޮވާލައިފައެވެ.

މި މައްސަލަ އަށް ބަހުސް ކުރައްވަމުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ހަލާކުވުމަށް ދިމާވި އެންމެ ބޮޑު އަސްލަކީ ސަރުކާރުތަކުން ސިޔާސީ ސަބަބުތަކަށްޓަކައި ފުޓްބޯޅަ ބޭނުން ކުރުން ކަމަށެވެ. އޭނާ ވަނީ ތަފާތި އެކި ފަހަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވޯޓު ވިއްކާފައިވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ.

އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލާގައި ފާއިތުވެދިޔަ ދުވަސްތަކުގައި އެފްއޭއެމްއިން އެ އިދާރާގެ ގަވާއިދާއި ކުޅިވަރާއި ބެހޭ ގާނޫނާއި ހިލާފަށް ހިންގާފައިވާ ބައެއް ކަންކަން ފާހަގަކޮށްފައި ވެއެވެ. މީގެއިތުރުން އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރުން އިސްތިއުފާދިނުމުން، އެ މެމްބަރުންގެ ބަދަލުގައި ކޮމިޓީއަށް އައްޔަން ކުރެވުނު ފަރާތްތައް އެފްއޭއެމް ކޮންގްރެސްގައި އިންތިހާބު ކޮށްފައި ނުވާކަމާއި، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އެފްއޭއެމްއިން އެކްސްކޯ ބައްދަލުވުންތައް ކުރިޔަށް ނުގެންދާ ކަމަށް އާޒިމް ހުށަހެޅި މައްސަލާގައިވެއެވެ.