Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކައުންސިލް އިންތިހާބު: ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ވޯޓު ފޮށި ބަންދުކޮށްފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ދެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން މިއަދާ ހަމައަށް ފަސް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެ ފަސް ކެންޑިޑޭޓުންނަކީ:

– ޢަބްދުލްމަޖީދު މާހިރު ( އަމިއްލަ ގޮތުން، ލ. މާވަށު ކައުންސިލްގެ ރައީސް)

– ނަސްފާ މުޙައްމަދު ސަޢީދު (ޕީޕީއެމް، ށ. މަރޮށީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި)

– ފާޠިމަތު ސާއިގާ ޚާލިދު (އަމިއްލަގޮތުން، ގއ. ކޮނޑޭ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި)

– ޙަސަންނާފިޢު (އެމްޑީޕީ، އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރު)

– މުޙައްމަދު ރަޝީދު (އެމްޑީޕީ، ނ. މާޅެންދޫ ކައުންސިލްގެ މެންބަރު)

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.

މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް (info@elections.gov.mv) މެދުވެރިކޮށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި މި ދެ އިންތިހާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.