އައްޑޫ ސިޓީ އެއާޕޯޓަށް އިތުރު އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރެވޭނެ ގޮތްތަކަކާއި މެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުންނާއެކު ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ އައްޑޫ ސިޓީގައި ހުރި މިނިސްޓްރީ އާއި ގުޅުން ހުރި ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
އިތުރު އިންޓަނޭޝަނަލް ފްލައިޓްތައް އައްޑޫ އެއާޕޯޓަށް އޮޕަރޭޓް ކުރުމަށް މަޝްވަރާކޮށްފައިވާއިރު، އައްޑޫ އަށް ސްރީލަންކަން އެއާލައިންސް އިން ކުރަމުން އަންނަ ދަތުރުތައް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު، އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އަދި އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފިރާގު ދާދިފަހުން ވަނީ އައްޑޫގެ މަޖިލިސް މެމްބަރުންނާ ވެސް ހިއްސާކުރައްވާފައެވެ.
ސްރީލަންކަން އިން ގަމަށް ކުރަމުން އައި ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން މެދުކެނޑިފައިވާއިރު އަލުން ބޯޑަރުތައް ހުޅުވާލުމުން ވެސް އެ ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ނެތީ އެކަށީގެންވާ އަދަދަށް ފަސިންޖަރުން ނުލިބޭތީއެވެ.
"ސަބަބަކަށް ބޮޑަށް ދިމާވެފައި ވަނީ އެކަށީގެން ވާ ވަރަށް ފަސިންޖަރުން ނުލިބުމާއި އައްޑު އަތޮޅު އެކަނި ހިމެނިގެން އެކަށީގެން ވާ އަދަދަށް ފަސިންޖަރުން ނުލިބޭތީ. މިއީ ފާއިތުވި ތިން އަހަރުގެ ތަޖުރިބާ އާއި ލިބުނު ގެލުމަށް ބަލާފައި" ފިރާގު ވިދާޅުވިއެވެ.
ނަމަވެސް އައްޑު އާއި ހުވަދު އަތޮޅު ޝެޑިއުލް ދަތުރުތަކުން ގުޅައިލެވިއްޖެ ނަމަ އަލުން ގަމަށް ސްރީލަންކަންގެ ދަތުރުތައް ފެށިދާނެ ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.