Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި މަޖިލީހުގެ އިދާރާގައި ކަމަށެވެ. މިއީ މިގޮތަށް މަޖިލީހުން ބައްދަލުވުމެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެކުރިން ވަނީ މިނިމަމް ވޭޖް ބިލަށް ވެސް އާންމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ.

މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާއްމުންގެ ހިޔާލުތައް ހޯދުމަށް ބައްދަލުވުންތައް ބޭއްވުމަށް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އާއްމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ ގަވާއިދުގައިވެސް ލާޒިމް ކޮށްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކަމަށްވާއިރު، އެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ބާބެއް ހިމަނާފައިވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން އެ ބިލުގައި މިހާރުވާ ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީ އަށް ލިބިދީފައިވެއެވެ. މީގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް އިދިކޮޅުން ބުނެއެވެ.