Last Updated: April 25, 17:49
Thursday, April 25, 2024
މީހުން

ފާޒިލްގެ އިންސްޓަގްރާމް ސްކޭމް، ފާޒިލްގެ ދުލުން!

މިދިޔަ މަހު ރާއްޖޭގައި އެންމެ ގަދައަށް ދެއްކުނު ވާހަކައަކީ މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރ، ފާޒިލް އިސްމާއިލް(ފިޓް ފާޒިލް) ގެ ގިވްއަވޭއެވެ.

އަގުބޮޑު އެތައް ހާސް ރުފިޔާއެއްގެ މުދަލާއެކު ފޮލޯވަރުންނަށް ދޫކޮށްލަން ބުނި "ގިވްއެވޭ" ބޮޑު ސްކޭމްއަކަށް ވެގެން ގޮސްފައިވާއިރު އެންމެ ފަހުން ފާޒިލް ވަނީ އެކަން ވީގޮތް ވަރަށް ރަނގަޅަށް ކިޔާދީފައެވެ. އޭނާ ވަނީ އެހުރިހާ ކަމަކީ އޭނާގެ މެނޭޖަރު "ކައްކާލި" ޑްރާމައެއްގެ ގޮތުގައި ސިފަކޮށް މެނޭޖަރަށް ހުރިހާ ތުހުމަތެއް ކޮށްފައެވެ.

ކަންވީގޮތް "ދޯ" އަށް ފާޒިލް ކިޔާދީފައިވާއިރު "ސްކޭމް" ހިންގައި ކުރި ހުރިހާ ކަމެއް ކުރީ މެނޭޖަރު، އަދި ފޮޓޯގްރާފަރު އަލީ މުހައްމަދު(އެލީޒް) ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭނާ މިހުރިހާ ތުހުމަތެއް ދޮގުކުރެއެވެ.

ފާޒިލް ކިޔާދީފައިވާ ގޮތުގައި އަގުބޮޑު ތަކެއްޗާއެކު ނެގި ފޮޓޯގަނޑު ގިވްއެވޭއަކަށް ހަދާލީ މަޖަލަކަށެވެ. ގިވްއެވޭ ޚިޔާލު އަމިއްލަ ނަމަވެސް އެހުރިހާ މުދަލާއެކު ގިވްއެވޭ ހަދައި، ކަންތައްގަނޑު ވިހަކޮށްލީވެސް މެނޭޖަރު އެލީޒް ކަމަށް އޭނާ ބުނެފައިވެއެވެ.

ގިވްއެވޭގެ ދުވަސް ޖެހި، ނަސީބުވެރި ފަރާތް ހޮވާ ހުރިހާ ކަމެއް ވެސް ކުރީ އެލީޒް ކަމަށާއި، ސާމާނު ހަވާލުކުރާނީ ވެސް އެލީޒް ކަމަށް އޭނާ ބުނުމުން އެކަމާ އަޅާ ނުލައި އޭނާއަށް "ބްލައިންޑްލީ ޓްރަސްޓް" ކުރެވުނު ކަމަށް މިހާރު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ފިޓް ފާޒިލް ބުންޏެވެ.

ގިވްއެވޭ އިން ހޮވުނު ޝަރުމީލާއާ ބައްދަލުކޮށް އެއްޗެހި ހަވާލުކުރި ނަމަވެސް ފޮޓޯއަކަށް އޭނާ އެއްބަސް ނުވި ކަމަށް ވެސް އެލީޒް ބުނި ކަމަށާއި، އޭރުވެސް އޭނާ މިކުރި ކަމާ މެދު ކުޑަވެސް ޝައްކެއް ނުކުރެވޭ ކަމަށް ފާޒިލް ކިޔާދިނެވެ.

ނަމަވެސް އާންމުންގެ ކުރިމަތީގައި ފާޒިލްގެ އަގު ވެއްޓި، ބޮޑު ސްކޭމެއް ޖެއްސި ކަމުގެ ތުހުމަތު ކުރެވެން ފަށައިފިއެވެ. "ދެން އަހަރެންގެ ސިކުނޑި ހަމަ ސުމަކަށް ދިޔައީ، މިއީ މަގޭ ފޭސް، މަ މިއޮތް ކާލަނީ. މީމްސްތަކާ އެއްޗެހި ހަދައިގެން،" "ދޯ" އަށް ދިން އިންޓައވިއުގައި ފާޒިލް ކިޔާދިނެވެ.

މިކަމާ ހެދި ބޯގޮވާފައި އިންދާ އެލީޒް އައިސް ޝަރުމީލާގެ ފިރިމީހާއާ ވާހަކަ ދައްކައިފި ކަމަށާއި އެއްޗެހި އަނބުރާ ގެންނަން އޭނާ އެދުނު ކަމަށް ބުނެ، މިކަންތައްގަނޑު އަވަހަށް ނިންމާލަން އެހެން މީހަކު ލައްވާ ފޮޓޯއެއް ނަގާލަން ޚިޔާލު ދިން ކަމަށް ފާޒިލް ބުންޏެވެ. އޭރުވެސް އޭނާ ހުރިހާ "ވާނުވާ" ގައި ކަމަށް ވެސް ފާޒިލް މެނޭޖަރުގެ ބޮލުގައި ހުރިހާ ތުހުމަތެއް އަޅުވަމުން ކިޔާ ދިނެވެ.

ގިވްއެވޭ ހަދިޔާތައް އޭރުވެސް ހީކުރެވިފައި އޮތީ އަސްލުކޮށް ވެސް ހަވާލުކޮށްފައިވާ ކަމަށާއި މިއެއްޗެހި ހަވާލުނުކުރާ ކަމަށް ހިއެއް ވެސް ނުކުރާ ކަމަށް ފާޒިލް ބުންޏެވެ. އެހެން މީހަކު ލައްވާ ފޮޓޯ ނަންގުވާ، ވީޑިއޯ ކޮށް މައާފަށް އެދި ލިޔުނު އިބާރާތްކޮޅުވެސް ލިޔުނީ މެނޭޖަރު ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެހިސާބުން ވެސް ފާޒިލް ސަލާމަތްވާ ގޮތެއް ނުވިއެވެ. އަނެއްކާވެސް ފަޅާއެރީއެވެ. ފާޒިލް ކިޔާދިން ގޮތުގައި އޭނާގެ މެނޭޖަރު ގެއްލުނީ މިހިސާބުންނެވެ. ދެން ސަލާމަތެއް ނުވެވޭނެކަން ޔަގީންވުމުންނެވެ. އެހިސާބުން ފާޒިލްގެ ފޭސްބުކް ވެސް ގެއްލިގެން ދިޔައެވެ.

ފާޒިލް ބުނެފައިވަނީ މޫނުބުރުގާ އަޅައިގެން ހުރި މީހަކާ ހަވާލުކޮށް ފޮޓޯ ނެގީ އޭނާއަށް އެނގިގެން ނަމަވެސް ޝަރުމީލާއަކީ އަސްލު މީހެއް ނޫންކަން އޭރު ނޭނގޭ ކަމަށެވެ. އެކަން އެގޮތަށް ކުރީ މެނޭޖަރުގެ ހައިސިއްޔަތުން މީހުންގެ ފާޑުކިޔުންތަކުން ސަލާމަތް ކޮށްދޭން ކުރިކަމެއްގެ ގޮތުގައި ދެކިގެންނެވެ.

ފާޒިލް ވަނީ ޝަރުމީލާއަކީ ފޭކު އައިޑީއެއްކަން ވެސް ހާމަކޮށްފައެވެ. "މިމައްސަލާގައި އަހަރެން އާންމުންގެ ކިބައިން މައާފަށް އެދެން،" ފާޒިލް ބުނެފައިވެއެވެ. އެފަދަ ދަނޑިވަޅެއްގައި އޭނާއަށް ވެސް މަސައްކަތް ކުރެވޭނީ އޭނާގެ މޫނުމަތި ރީތި ކުރަން ކަމަށާއި އެކަން ކުރެވުނީތީ ވެސް މައާފަށް އެދޭ ކަމަށް ފާޒިލް ބުނެފައިވެއެވެ.

ގިވްއެވޭގެ ސާމާނުތަކަކީ އެލީޒްގެ ސާމާނުތައް ކަމަށާއި، އޭނާ އެއެއްޗިއްސަށް ހެދި ގޮތެއް ނޭނގޭ ކަމަށް ފާޒިލް ބުންޏެވެ.

އަދި މިއީ ގާތް އެކުވެރިޔަކު ދިން ވަރަށް ބޮޑު ލަނޑެއް ކަމަށާއި، ހަޔާތުގައި ދަސްވި ވަރަށް ބޮޑު ފިލާވަޅެއް ކަމަށް ވެސް މައާފަށް އެދެމުން ފާޒިލް ބުނެފައިވެއެވެ.