Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މާލީ ބަޔާން އާންމުކުރަން ލާޒިމްކުރުން މުހިންމު: ފިޔާޒު

މާލީ ބަޔާން އާންމުކުރަން ލާޒިމްކުރުން މުހިންމު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

ފިޔާޒު މިހެން ވިދާޅުވެފައިމިވަނީ މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ގަވާއިދަށް މި އިސްލާހު ގެންނަން ފާސްކުރީ 62 މެމްބަރުންގެ ވޯޓާއެކުއެވެ.

މިކަމާ ގުޅިގެން ފިޔާޒު ވިދާޅުވީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށާއި އެ ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ލާޒިމްކުރުން މުހިންމު ކަމަށެވެ. އަދި ހަދިޔާ އާއި މަސްލަހަތު ފުށުއެރުން ރެޖިސްޓްރީކުރުން ވެސް މުހިންމު ކަމަށް ފިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑާއި އައިކޮމްގެ މުވައްޒަފުންނަށް މިފަދަ އުސޫލެއް މިދަނީ އެކުލަވާލަމުން. ހާމަކުރި ވަރަކަށް ނަޒާހަތްތެރިވާނެ" ފިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު ބުނެފައިވަނީ މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާއްމަށް ހުށަަހަޅަން ވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރެއްގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން، އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

ނަމަވެސް ގަވާއިދަށް މިއަދު ގެންނަން ފާސް ކުރި އިސްލާހުގައި ބުނެފައިވަނީ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.