Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

އައިއެފްސީއިން ބީއެމްއެލް އަށް 50 މިލިއަން ޑޮލަރާ ހަމައަށް ލޯނު ދެނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނު ދޫކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީފޯރުކޮށްދިނުމަށާއި، ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށްކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ 20 މިލިއަން ޑޮލަރު ދޫކުރުމަށް މިއަދު ވަނީ ނިންމާފައެވެ. މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެކެވެ.

ބީއެމްއެލް އިން ބުނީ މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބި، އެކަމުން އެ ފަރާތްތަކަށް ނަފާލިބިގެންދާނެ ކަމަށާއި އަދި މުޅިންކަށަވަރު ނުކުރެވުކަމުގައި ވިޔަސް، އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އަށް ދޫކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމޯތީ ސޯޔަރ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެކުރީގައި އޮތް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން މިހާރުވެސް ވާނީ ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓަރމް ފައިނޭންސިންގ ޕްރޮގްރާމެއް ތައާރަފްކޮށްފައި ކަމަށެވެ.

"އައިއެފްސީ އިން ދޫކުރާ އެތައް މިލިއަން ޑޮލަރުގެ މި ލޯނަކީ ވަރަށް އެކަށޭނެ ވަގުތެއްގައި އަދި އެހެންމެ މިހާރުގެ ހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި އެހީއެއްވެސްމެ." އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވާންފެށި، މާރޗް މަހުވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 އިންސައްތަ ދަށްވެ ރާއްޖޭގެ ބޯޑަރު މާރޗު މަހު ތެރޭގައި ބަންދުކުރުމާއެކު މިވަނީ 'ސުމަކަށް' ވެއްޓިފައެވެ. ދާދި ފަހުން އޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިއުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި، ރިސޯޓްތަކުގައި މަސައްކަތްކުރާ 22،000 ދިވެހިންނަށްވަނީ ކޮވިޑް-19 އާ ގުޅިގެން ސީދާ ގެއްލުން ލިބިފައެވެ.

"ރާއްޖޭގެ ފަތުރުވެރިކަަމަކީ އިގްތިސާދުގެ މައި ނާރަށްވެފައި، ފަތުރުވެރިކަން ނަގައި ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ބަލައިގަންނަން. ފަތުރުވެރިކަމަށް މިހާރު ކުރިމަތިވެފައިވާ ނާޒުކު ހާލަތުން އަރައިގަތުމަށް އެންމެން ގުޅިގެން، ފަހެލި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ." އައިއެފްސީއިން ދިވެހިރާއްޖެ އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ މެނޭޖަރ އަމީނާ އާރިފް ވިދާޅުވިއެވެ.

އައިއެފްސީގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް ދޫކުރާ މިފައިނޭންސް އާ އެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ހުޅުވާލެވި އެންމެ ބޮޑު ސނާއަތްކަމަށްވާ ފަތުރުވެރިކަމަށާއި ބޭންކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޭގެ ނަފާ ލިބިގެންދާނެ ކަމަށް އަމީނާ ވިދާޅުވިއެވެ.

" ގައުމު ބިނާކުރުމަށް ބޭނުންވާ އިތުރު އެހީފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އައިއެފްސީ އިން މިއޮތީ ދިވެހިރާއްޖެ އަށް އެންމެ ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ދިވެހިރާއްޖެ އާއެކު." އޭނާ ވިދާޅުވިއެވެ.

އައިއެފްސީއިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފައެވެ.