Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މީޑިޔާއަށް މިނިވަންކަން ދިނީ އަނިޔާ ލިބޭ މީހުންނަށް އިތުރު އަނިޔާ ދޭކަށް ނޫން

މީޑިޔާއަށް މިނިވަންކަން ދީފައި އޮތީ އަނިޔާ ލިބޭ މީހުންނަށް އިތުރު އަނިޔާތަކެއް ދިނުމަކަށް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އެ އަންހެން މީހާ ރޭޕްކުރި ކަމަށް ބުނެ އޭނާއާ ހަވާލާދީ އެންމެ ފުރަތަމަ މައުލޫމާތު ހާމަކުރީ "މެންދުރު އޮންލައިން" ނަމަކަށް ކިޔާ އޮންލައިން ނޫހަކުންނެވެ. ނަމަވެސް ކެންޔާ އަށް ނިސްބަތްވާ އެ އަންހެން މީހާ "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ވަނީ ރޭޕްގެ ތުހުމަތު ދޮގުކޮށް އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ބުނެފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ރޮޒެއިނާ ވިދާޅުވީ މިކަމުގައި މީޑިއާގެ މައްސަލަ އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިނިވަން މީޑިޔާއެއް ދޫކޮށްލައިގެން ތިބީ އެއްގޮތަކަށް ވެސް ރޭޕްގެ ޝިކާރައަކަށްވާ މީހުންނާއި އެހެނިހެން އަނިޔާތައް ލިބޭ މީހުން ރީވިކްޓިމައިޒްކޮށް އެމީހުންނަށް އިތުރު އަނިޔާތައް ދިނުމަށް ނޫން ކަމަށެވެ.

"މީޑިޔާތަކުން ވެސް ވިސްނަން އެބަޖެހޭ، މީޑިޔާގެ މިނިވަންކަން ދީފައި މި އޮންނަނީ ސިޔާސީ ފައިދާއެއް ނެގުމަށްޓަކައި ނޫނީ ޗެނަލް 13 ގެ އޯޑިއަންސް ބޮޑުކުރުމަށްޓަކާ އަސާސެއް ނެތް، ކަށަވަރު ނުކުރެވޭ މައުލޫމާތުތަކެއްގެ މައްޗަށް ހަދާފައި އޮންނަ ރިޕޯޓުތަކެއް ތަކުރާރުކޮށް ގެނެސްގެން ވިކްޓިމެއް ރީވިކްޓިމައިޒް ކުރާކަށް ނޫން" ރޮޒެއިނާ ވިދާޅުވިއެވެ.

ސިޔާސީ މީހުންނާއި ދިމާލަށް ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް މިފަދަ އަނިޔާތައް ލިބޭ ފަރާތްތަކާއި ގުޅުވައި ދޮގު މައުލޫމާތު ފަތުރާނަމަ ފުލުހުން ވެސް ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. އަދި މިއީ އެމީހަކަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުޅުމާލޭ ޕޮލިހުގެ ހެޑް އިބްރާހިމް ރަޝީދު ވަނީ ރޭޕްކުރި ކަމަށް ބުނެ ހަބަރު ފެތުރި މީޑިޔާއަށް ދައުވާކުރަން މި ހާދިސާ ކުރިމަތިވި އަންހެން މީހާ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.