Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޑާކްރެއިންގެ ފިލްމުތަކުން ޖުމައްޔިލް ވަކިކޮށްފި

މަޝްހޫރު ފިލްމީ ތަރި، ޖުމައްޔިލް ނިމާލަށް ކުރެވުނު ރޭޕްގެ ތުހުމަތުތަކާއެކު އޭނާއާއެކު ހެދުމަށް ތައްޔާރުވެފައިވާ ފިލްމުތަކުން ޑާކްރެއިން އެންޓަޓެއިންމެންޓުން ވަކިކޮށްފިއެވެ.

ޕްރޮޑަކްޝަން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމައްޔިލާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކުން ކުންފުންޏަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ. އަދި ރޭޕްއާއި ޖިންސީ ގޯނާއަކީ އެކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ކުރިއަށް ރާވާފައި ތިބި ފިލްމުތަކުން ޖުމައްޔިލަށް ޖާގައެއް ނެތްކަން އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މި ޖުލައި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ހުރިހާ ކަމެއް ނިމިފައިވާތީ އެފިލްމު ނުދައްކަން ޑާކް ރެއިން އެންޓަޓެއިންމެންޓުން ނިންމާފައެއް ނުވެއެވެ.

ރާއްޖޭގައި މިވަގުތު އެންމެ މަޝްހޫރު އެއް ތަރި ކަމުގައިވާ ޖުމައްޔިލަށް ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުކުރީ އޭނާގެ ދެބެންގެ ދެދަރި އަންހެން ކޮއްކޮއެކެވެ. މީގެ ހަތަރު އަހަރު ކުރިން އަންހެން މީހާ، އުމުރުން އެންމް 17 އަހަރުގައި ޖުމައްޔިލް ގަދަކަމުން އަރައިގަނެ ގޯނާ ކުރިކަމަށް، ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ތުހުމަތުތަކާ ގުޅިގެން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ޖުމައްޔިލް ބުނެފައިވި ނަމަވެސް ޕީޖީ އޮފީހުން ވަނީ 2016 ވަނަ އަހަރު ހުށައެޅުނު މައްސަލަ ކޯޓަށް ނުފޮނުވި ސަބަބުތައް ބަލައި މައްސަލަ އަލުން ރިވިއު ކުރާނެ ކަމަށް ބުނެފައެވެ.