Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

ނިއު ނޯމަލްއާއެކު ބިލުތައްވެސް ނޯމަލް، މުސާރަ ނޯމަލްއެއް ނޫން!

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި އެޅި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން ގިނަ ފިޔަވަޅުތައް ލުއިކޮށްފައިވާއިރު ބިލުތަކުން ދެމުން އައި ޑިސްކައުންޓު ކަނޑާލައިފިއެވެ.

މިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ކަރަންޓާއި ފެނުގެ ބިލަށް އައި ބަދަލެވެ. ބައެއް ގޭގެ ބިލުތައް 900 ރުފިޔާ އިން ކުއްލިއަކަށް ވަނީ 5000 ރުފިިޔާއަށް މައްޗަށް ގޮސްފައެވެ. ފޯނު ބިލަށް މުވާސަލާތީ ޚިދުމަތް ދޭ ދެ ކުންފުނިން ވެސް ލުޔެއް ދީފައިނުވާއިރު، ދިން އިތުރު އެލަވަންސް ކޮޅު ވެސް ވަނީ ކަނޑާލާފައެވެ.

ކުލި ދައްކަމުންދާ ފަރާތްތަކުގެ ކުލި ކުޑަކުރުމަށް ފަހު ކުލިން ނެގި ޑިސްކައުންޓު ވެސް ބައެއް ފަރާތްތަކުން ކަނޑާލައިފިއެވެ.

ނަމަވެސް ލިބެމުން އައި މުސާރަ ކޮޅު ވީ ކުޑައެވެ. ގިނަ މީހުންނަށް މުސާރަ ކުޑަވެފައިވާއިރު ނޯޕޭ ލީވް ދީފައި ގޭގައި މަޑުކުރަން އެންގި މީހުންނާއި ވަޒީފާ ގެއްލުނު މީހުންނަށް ޚަރަދު ބަލަހައްޓާނެ ގޮތް ހުސްވެ ދަރަނިވެރިވާން ފަށައިފިއެވެ.

ސަރުކާރުން ދޭން ބުނި އެލަވެންސް ލިބުނު މީހުންނަށް ވުރެ އަދިވެސް ގިނައީ ނުލިބޭ މީހުންނެވެ.

ރާއްޖޭގެ އިގްތިސޯދު ދަށްވެ ވަޒީފާ ގެއްލުނު މީހުން ގިނަވެ އިގްތިސޯދީ ބޮޑު އަނދަވަޅަކާ ދިމާލަށް ގައުމު ދަތުރުކުރަމުން ދާއިރު ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭ ތަން ނުފެންނަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.