Last Updated: April 20, 10:23
Saturday, April 20, 2024
ރިޕޯޓް

ސަފާރީ މައްސަލަ: ހަފްތާއެއް ވަންދެން ވައިގައި ހިފި އިތުރު މައްސަލައަކަށް؟

ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އަންހެން މީހާ - ފޮޓޯ: މިހާރު

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ މިދަނޑިވަޅުގައި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ވަރަށް ގަދައަށް ވައިގައި ހިފި ނަމަވެސް ދެތިން ދުވަސް ފަހުން މައްސަލަ އޮއްބާލެވިފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

މިމައްސަލާގައި ކަން ހިނގި ގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ފުލުހުންގެ ފަރާތުން ވެސް ފެނި، ޖަވާބެއް ލިބިފައެއް ނެތެވެ. ކެންޔާ އަންހެނަކަށް ދެ ފިރިހެނުން ވެގެން ގޯނާ ކުރުމުން އޭނާ މޫދަށް ފުންމާލީ ސަލާމަތް ވުމަށެވެ.

ނަމަވެސް ޑިންގީގައި އޭނާ ނެގީވެސް އޭނާ ބުނާގޮތުގައި ގޯނާ ދިން މީހުންނެވެ. ފުލުހުންނަށް ގޮވައި އެހީ އަށް އެދުމުން ފުލުހުން އައިސް އެ ދެމީހުން ހައްޔަރުކުރި ކަމަށާއި ނަމަވެސް ބަންދުން ދޫކޮށްލީ މަތިން ފޯނު ކޯލެއް އައިސްގެން ކަމަށް ކުރިން ޚަބަރު ފެތުރުނަސް، ފުލުހުންގެ ރަސްމީ ބަހަކީ، ބަންދުން ދޫކޮށްލީ ބަހައްޓަން ޖެހޭނެ ސަބަބެއް ނެތުމުންނެވެ.

މަސްތުގެ ހާލަތުގައި އެއިން މީހަކު ހުރި ކަމަށް ފެންނަ ފެނުމުން ނުބެލެވޭ ކަމަށް ފުލުހުން ބުނި ނަމަވެސް، ރާއްޖޭގައި އާންމު އުސޫލުން ކަން ހިނގާ ގޮތަކީ، އާދައިގެ ބަޔަކު އެފަދަ ހާލަތެއްގައި ފެނުނު ނަމަ ބަންދުކޮށް ޓެސްޓު ކުރުމަށް ފަހު ނޫނީ މިނިވަން ކޮށްފައެއް ނެތެވެ. މިއީ މިފަދަ ކަންކަން ތަޖުރިބާ ކުރި ފަރާތްތަކުގެ ބަހެވެ.

ފުލުހުން ބުނީ މިއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށެވެ. ގޯނާ ލިބުނު އަންހެން މީހާވެސް، ރާއްޖޭގެ އެންމެ އިތުބާރުހިފޭ އެއް ނޫސް މަޖައްލާ ކަމަށްވާ "މިހާރު" ނޫހަށް ދިން އިންޓަވިއުގައި ވެސް ތަކުރާރުކޮށް ބުނީ ރޭޕް ނުކުރާ ކަމަށާއި، ޖިންސީ ގުނަވަނުގައި ގަދަކަމުން އަތްލި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށް ބުނެ މައްސަލާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދޭން ފުލުހުން ދެކޮޅު ހަދައެވެ.