Last Updated: April 20, 11:47
Saturday, April 20, 2024
ރިޕޯޓް

ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ ކުއްލި މައްސަލައަކަށް ނުވޭބާ؟

ބިދޭސީންނަށް މުސާރަ ނުދީގެން ހުޅުމާލޭގައި ކުރި މުޒާހަރާ - ފޮޓޯ ޓްވިޓާ

މުސާރަ ނުދޭތާ ހަތް މަސް ދުވަސް ވެގެން ހުޅުމާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ބިދޭސީން ވަނީ ފަށާފައެވެ. އޭގެ ދެ ތިން ދުވަސް ކުރިން އިވުނު އަޑަކީ، މުސާރައެއް ކާނެ ކޮއްތެއް ނުދީ ހަތް މަސް ވެގެން ބ. ބޮޑުފިނޮޅު ބިދޭސީންތަކެއް ވެގެން ހިސޯރު ކުރި ވާހަކައެވެ.

މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ބެލި ނަމަވެސް ފެނިގެން ދަނީ މިމަންޒަރެވެ. ކޮވިޑް-19 އާ ގުޅިގެން އަމިއްލަ ކުންފުނިތަކުން ބިދޭސީންނާ ދޭތެރޭ ހަދަނީ ހަދާނެ ގޮތެކެވެ. އެތައް މަހެއްގެ މުސާރަ ނުދީ ގްރޫޕުން ވަކިކޮށްލަނީއެވެ. ނުވަތަ ދޫކޮށްލަނީއެވެ. ބައެއް ގްރޫޕުތަކުން މުސާރަ އިންތިހާއަށް ކުޑަ ކުރުމަށް ފަހު ދޫކޮށްލަނީއެވެ.

އަދި ބައެއް ކުންފުނިތަކުން މުސާރަ ނުދީ އަދިވެސް މަސައްކަތް ކުރުވަނީއެވެ. ހޯމަ ދުވަހު ބިދޭސީން ކުރި މުޒާހަރާގައި އެކަކު ބުނީ މުސާރަ ނުދޭތާ ހަތް މަސް ވެއްޖެ ކަމަށާއި، ފެންވެރުމަށް ބޭނުންކުރާނެ ސައިބޯނިއެއް ދަތް އުނގުޅާ ބޭސް އުރައެއްހާ މިންވަރު ވެސް ދީފައި ނުވާ ކަމަށެވެ.

މިމައްސަލަ ބޮޑުވެ ބިދޭސީން އާއިލާތަކަށް ފޮނުވާނެ ލާރިއެއް ނުލިބި، އެމީހުން މިތާ ބިކަވެ، އާއިލާ ގައުމުގައި ބިކަ ވަމުންދާއިރު މިކަމާ ގުޅޭގޮތުން ބަހެއް ބުނެލާނެ ބަޔަކު ނެތްކަން ފާހަގަކޮށްލެވެއެވެ.

ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހަކީ ގައުމުގައި ހިނގާ ކިތަންމެ ކުޑަ ކަމެއްގައި ވެސް ކުއްލި މައްސަލަ ހުށައަޅައި ބަސް ބުނެ ހަދަމުންދާ މަޖިލީހެކެވެ. އެ ރައްޔިތުންގެ މަޖިލީހުން ވެސް މިކަން ކުޑަ ކަމަކަށް ހަދައި ދޫކޮށްލާފައި އޮތް ކަމީ އެ މަޖިލީހުގެ މެމްބަރުންގެ ސީދާ މަސްލަހަތު މިކަމުގައި ހިމެނެތީތޯ ސުވާލު ކޮށްލަން ޖެހެއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވަމުން ދިޔައީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެއްގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެކެވެ. މުސާރަ ނުދޭ މައްސަލަ ފެންމަތިވުމުން ރިޒާގެ ރިޒް ކުންފުނިން ވަނީ މަސައްކަތް ހަވާލުކުރި ސިލް އިން ފައިސާ ނުދޭ ކަމަށް ބުނެ ރެކެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ ދޭން ޖެހޭ ވަރަށްވުރެ އިތުރަށް ވެސް ރިޒް ކުންފުންޏަށް ފައިސާ ދީފައިވާ ކަން ހާމަކޮށްފައެވެ.