Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

މަރަދޫ ފަތާ ޓްރެކް ސަރަޙައްދަށް އުދަ އަރަނީ

މިއަދު ހެނދުނު އައްޑޫ ސިޓީ، މަރަދޫ ފަތާ ޓްރެކް ސަރަޙައްދަށް ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.

ހެނދުނު 8 ޖަހައިކަށް ހާއިރު އަރަން ފެށި އުދައިގެ ސަބަބުން އެ ސަރަޙައްދުގައި ވަނީ ފެން ބޮޑުވެ، ލިންކު ރޯޑުން ދަތުރު ކުރަން އުނދަގޫ ހާލަތަކަށް ގޮސްފައެވެ.

އުދަ އަރަމުން ދިޔަ ވަގުތުގައި އާންމުން ނަގާފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އުދަ އަރަމުން ދިޔައީ ފުށްޓަރު ފަރާތުންނެވެ.

މި ސަރަޙައްދަކީ އާންމުކޮށް ދިޔަވަރު ބޮޑުވެ އުދަ އަރާ ދުވަސްތަކުގައި މަގުމައްޗަށް ލޮނުގަނޑު އަރާ ސަރަޙައްދަކަށް ވީއިރު އަދިވެސް މިކަމަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ.

މެޓް އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއަށް ފޯރާނެ ކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެެއް ހިސާބުތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި މިކަމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް އެ ބަޔާނުގައި ބުނެފައެވެ.