Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މިއަދުވެސް ނޫސްވެރި ކަމުގެ މިނިވަންކަމަށް ވަކާލާތު ކުރުން މަތީ އެބަ ހުރިން: ވިސާމް

Photo: Mohamed Sharuhaan

ކުރިން ނޫސްވެރި ކަމުގެ މިނިވަން ކަމަށް ވަކާލާތު ކުރި ފަދައިން މިއަދުވެސް އެކަމަށް ވަކާލާތު ކުރުން މަތީ އެބަ ހުރިން ކަމަށް، ކުރީގެ ރާއްޖެ ޓީވީ ނޫސްވެރިޔާ، އަދި މިހާރު، ލާމު ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ވިސާމް މިހެން ވިދާޅުވީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ވިސާމް އިތުރަށް ވިދާޅުވީ، ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތު ހޯދައިދީ، މިރާއްޖޭގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހި ކޮށްދޭން އޮތް ކައުންސިލާއި ކޮމިޝަން " ހިހޫ ތަނުން ކައިގެން" އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރުމާއި، މި ފަންނު ކުރި އަރުވަން މަސައްކަތް ކުރުން އެއް ފުރާޅެއްގެ ދަށަށް ބަދަލު ކޮށް، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް ފަހު، މީޑިއާ ކޮމިޝަނެއް އުފެއްދުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

ވިސާމް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާމު ސޮއި ކޮށް، މީޑިއާ ކައުންސިލަށް ފޮނުވި ސިޓީއެއްގައި، މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ އެ ކައުންސިލަށް އަންގާފައި ވަނިކޮށެވެ.

އާމީންއާންމުގެ ސިޓީގައި ބުނެފައި ވަނީ ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

‎މީޑިއާތައް ޖޫރިމަނާކުރުމަށް ބާރު އަޅައި މީޑިއާ ކައުންސިލްއަށް މަޖިލީހުގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު ވިސާމަކީ މިކަން މިގޮތަށް ކުރުމަށް އަންގާފައިވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރެކެވެ.

މިކަމާއި ގުޅިގެން ވިސާމަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައެވެ.