Last Updated: March 29, 17:30
Friday, March 29, 2024
ދުނިޔެ

ތުރުކީގެ ދާރުލް އާސާރެއް މިސްކިތަކަށް ބަދަލުކޮށްފި

Photo: AFP

ތުރުކީގެ ރައީސް، ރަޖަބު ތައްޔިބު އުރުދުޣާން އެ ޤައުމުގެ ދާރުސް އާސާރެއް މިސްކިތަކަށް ބަދަލުކޮށްފިއެވެ.

އަޔާ ސޮފީއާ ދާރުލް އާސާރު ނުވަތަ މިހާރުގެ ނަމުން ނަމަ، އަޔާސޮފްޔާ މިސްކިތުގެ އިމާރާތް އެންމެ ފުރަތަމަ ބިނާ ކުރެވުނީ ކްރިސްޓިއަން ކެތިޑްރަލް، ނުވަތަ ފައްޅި އެއްގެ ގޮތުގައެވެ. އެއީ ކްރިސްޓިއަން ބިޒަންޓައިން އެމްޕަޔަރ ގެ ދުވަސްވަރު އެވެ.

އޭގެ ފަހުން 1453 ވަނަ އަހަރު ކޮންސްޓެންޓިނޯޕޯލް ހިފުމުގައި އޮޓޮމަނުން ވަނީ އެތަން މިސްކިތަކަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު، 1935 ވަނަ އަހަރު، މޮޑަރން ސެކިއުލަރިސްޓް ތުރުކީގެ ޒަމާނުގައި މުސްތަފާ ކެމާލް އަތަތުރުކު ވަނީ އެތަން ދާރުލް އާސާރަކަށް ބަދަލު ކޮށްލާފައެވެ.

ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން، އިއްޔެ ތުރުކީގެ އެންމެ މަތީ އިދާރީ ކޯޓުން ވަނީ އެ ބިނާ އާއި ބެހޭ ލޭންޑްމާކް ނިންމުމެއް ނެރެ، 1934 ވަނަ އަހަރު އަޔާ ސޮފީއާ ދާރުލް އާސާރަކަށް ހެދުމަށް ނިންމި ނިންމުން ބާތިލު ކޮށްފައެވެ.

"މި ކަން ނިންމުނު ގޮތުގައި، ސެޓްލްމެންޓް ޑީޑް ގައި އޮތީ މި އިމާރާތް މިސްކިތެއް ގެ ގޮތުގައި ބޭނުން ކުރުމަށް، އަދި އެތަން އެހެން ކަމަކަށް ބޭނުން ކުރުމަކީ ޤާނޫނުން ތަން ދޭ ކަމެއް ނޫން. 1934 ވަނަ އަހަރު މި އިމާރާތް މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުން ހުއްޓާލައި، ދާރުލް އާސާރަކަށް ހެދުމަށް ކެބިނެޓުން ނިންމި ނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް." ކޯޓުގެ ނިންމުމުގައި ވެއެވެ.

ކޯޓުން މި ނިންމުން ނިންމުމާއެކު، އުރުދުޣާން ވަނީ މިސްކިތުގެ ކަންކަން ބެލެއްޓުމަށް އެޤައުމުގެ ރިލިޖަސް އެފެއަރޒް ޕްރެޒިޑެންސީ އާއި ހަވާލުކޮށްފައެވެ. އަދި މިތަން މިސްކިތަކަށް ބަދަލު ކުރުމުން ގިނަ ކްރިސްޓިއަން ލީޑަރުންނާއި، ދުނިޔޭގެ އެކި ޤައުމުތަކުން ފާޑު ކީނަމަވެސް، އެރުދޮޣާން ވަނީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި، މުސްލިމުން އަޅުކަން ކުރުމަށް އަޔާސޮފްޔާ މިސްކިތް ހުޅުވާލާފައެވެ.

1500 އަށް ވުރެ ގިނަ އަހަރު ވެފައިވާ މި ބިނާ އަކީ ޔުނެސްކޯ އިން ކަނޑަ އަޅާފައިވާ ދުނިޔޭގެ އާސާރީ ބިނާ ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.