Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޖިންސީ އަނިޔާތަކާއި ދެކޮޅަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށް ބުނުމުން ކަންބޮޑުވެއްޖެ

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: އިހުތިޝާމް މުހައްމަދު (ސަން)

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ މީޑިއާގެ ބައެއްވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަވަމުން ގެންދާތީ އެކަމާމެދު ކަންބޮޑުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައި ހުރިކަންކަން ހުރިކަމާއި ނަތީޖާ ހާސިލުވާނޭ ގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން، އެކުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މުޖުތަމައުގައި ހުރި އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ފުލުހުން ތަރުހީބު ދޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

"އެހެންނަމަވެސް، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ މީޑިއާގެ ބައެއްވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަވަމުން ގެންދާތީ އެކަމާމެދު މިސާވިސްއިން ކަންބޮޑުވުން ފާޅުކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި، އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ސީރިއަސް މައްސަތަކެއްގެ ގޮތުގައި އަބަދުވެސް ފުލުހުން ދެކޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެފަދަ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުޑަ ކުށްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ވަކި ބަޔަކު ކަނޑައެޅު އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށ ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކޮށްދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ޒިންމާދާރު ގޮތަކީ އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހު ނޫނީ އެ ވާހަކަ ނުދެއްކެން ކަމަށެވެ. ޖިންސީ ގޯނާގެ މައްސަލަތަކަކީ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް ކަމަކަށްވާއިރު، އެފަދަ ހައްސާސީ ކަންކަމުގައި، ވަކިން ހާއްސަކޮށް، ކަމުގެ ހަގީގަތް ނުއޮޅޭނެ ގޮތަށް ވާހަކަދެއްކެވުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.