Last Updated: April 25, 12:03
Thursday, April 25, 2024
ކޮލަމް

ފުރަބަންދުގެ ދުވަސްވަރު ތަޢުލީމީ ދާއިރާ

ރާއްޖޭގައި ނެރެވޭ ނޫސްތަކުގެ ސުރުޚީ ތަކުންނާއި އެސުރުޚީތަކުގެ ދަށުގައި ލިޔެފައިވާ ޚަބަރުތަކުންނާއި އެހެނިހެން މަސްދަރުތަކުން ފުރަބަންދުގައި ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތް ހާމަވަމުންދާ މިދަނޑިވަޅު، ފުރަބަންދުގެ ދުވަސްވަރު ތަޢުލީމީ ދާއިރާގައި ކުރެވިފައިވާ މަސައްކަތުގެ ވާހަކަ ތިލަކޮށްލުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ.

12 ޖެނުއަރީ 2020 ވަނަ ދުވަހު، މިއަހަރުގެ ދިރާސީ އަހަރު ފެށިގެން ދިޔައީ ދަރިވަރުން އާ ޢަޒުމްތަކެއް ކަނޑައަޅަމުންނެވެ. ބެލެނިވެރީން އާއުއްމީދުތަކެއް ދިރުވަމުންނެވެ. މުދައްރިސުންނާއި ސްކޫލް ތަކުން އާ ލަނޑުދަނޑިތަކެއް ކަނޑައަޅަމުންނެވެ.

ސަރުކާރުގެ ކަމާއި ގުޅޭ އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާތަކުން އާ މިޞްރާބެއް ކަނޑައަޅަމުންނެވެ. މިދެންނެވި ހުރިހާ ކަމެއްގެ މައްޗަށް ބިނާވެފައިވާ ދިރާސީ އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލުމަށްފަހު 5 މާރިޗު 2020 ވަނަ ދުވަހު ދަރިވަރުން ގެއަށް ދިއައީ އަދި މުދައްރިސުން އެބޭފުޅުންގެ މަސައްކަތުގެ މިންވަރެއް ނިންމާލެވުނު ކަމުގެ އިޙުސާސާއެކު ގެއަށް ވަޑައިގަތީ ހަފްތާއެއްގެ ބަންދަށްފަހު އަމާޒަށް ވާޞިލުވުމުގެ ދަތުރު ނޫނީ ލަނޑުދަނޑި ހާޞިލު ކުރުމުގެ މަސައްކަތް އަލުން އާ ޢަޒުމަކާއިއެކު ފެށުމުގެ ފޯރީގައެވެ.

އެހެނަސް 7 މާރޗް 2020 ދިވެހި ކަލަންޑަރުގައި ފާހަގަ ކޮށްލީ ތަޢުލީމީ ދާއިރާ ވެސް ހިމެނޭ ގޮތަށް މުޅި ޤައުމު ބިރުވެރިކެމެއްގެ ތެރެއަށް ޢަރަޤު ކުރުވަމުންނެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފަހުކޮޅު ޗައިނާ އިން ވުޖޫދުވެގެން އައިކަމަށް ބުނާ ކޯވިޑް 19 ގެ ރާޅު ދިވެހި ގޮނޑުދޮށްތަކަށް މުގުރަން ފެށުމާއެކުގައެވެ.

އެހާ ހިސާބުން ޤައުމަށް ކުރިމަތިލާން ޖެހުނީ މީގެ ކުރީގެ ތާރީޚެއްގައި ދިވެހިން ކުރިމަތި ނުލާފަދަ ކަންތައް ތަކަކާއެވެ. އާއްމު ދިރިއުޅުމުގެ ގިނަ ކަންތައްތަކަކަށް ބަދަލު ގެންނަން މަޖުބޫރު ކުރުވި ޙާލަތަކާއެވެ. 15 މާރޗް ގައި ސްކޫލްތަކުގެ ކިޔެވުން ފޭށެނެތޯ ނުވަތަ ނޫންތޯ ކުރެވެމުންދިޔަ ސުވާލުގެ ޖަވާބު ލިބިގެންދިޔައީ 12 މާރޗްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރަައްކަލުގެ ޙާލަތު އިޢުލާން ކުރެވުމާއެކުގައެވެ. އެހާ ހިސާބުން ވަކި މުއްދަތެއް ނެތް ގޮތަށް ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލެވުނީއެވެ.

15 މާރޗް ގައި ފެށުނު ފުރަތަމަ ޓާމުގެ 2 ވަނަ ކުއާޓަރ ގައި މުދައްރިސުންނަށް ކުރައްވަން ޖެހިވަޑައިގަތް މަސައްކަތަކީ އޭގެ ކުރިން ޚިޔާލަށްވެސް ގެނެވިފައިވާ މަސައްކަތްތަކެއް ނޫނެވެ. ރާއްޖޭގެ ވިސްނުންތޫނު އެޑިއުކޭޝަން މިނިސްޓަރ ގެ ލަފާފުޅާ އެއްގޮތަށް ދަރިވަރުން ގޭގައި ބައިތިއްބައިގެން އެދަރިވަރުންނާއި ހިސާބަށް ފިލާވަޅުތައް ފޯރުކޮށްދެވޭނެ މަގުތައް ހޯދާ އެމަގުން މަސައްކަތް ފެށުމެވެ. ވައިބަރ އާއި ފޭސްބުކް ފަދަ އިޖުތިމާޢީ ވިއުގަތައް ބޭނުންކޮށްގެން ދަރިވަރުންނާއި ހިސާބަށް ފިލާވަޅުތައް ފޯރުކޮށްދީ އެދަރިވަރުންނަށް އުނގެނުމުގެ ތެރޭގައި ޤާއިމުވެ ތިބުމުގެ ފުރުޞަތު ފަހިކޮށްެ، ދިނުމެވެ.

އިއްޒަތްތެރި މިސްޓަރ ގެ ވިސްނުންފުޅުގެ ތަނަވަސްކަމާއި ޙިކުމަތްތެރިކަމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ މުއާޞަލަތުގެ މައި ދެތަނބު ކަމުގައިވާ ދިރާގާއި އޫރީދޫގެ އެހީތެރިކަން ހޯއްދަވައި، ރާއްޖޭގައި ކިޔަވާ ކޮންމެ ދަރިވަރަކަށް 5 ޖީބީގެ ޑޭޓާ ހިލޭ ފޯރުކޮށްދެވުމެވެ. އެހާހިސާބުން އިންޓަނެޓް ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ މަސައްކަތް ހަރުދަނާވެ، ގޫގުލް ކުލާސްރޫމް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މަސައްކަތް ފެށުނެވެ. އެއާއެކު ޕަބްލިކް ސާވިސް މީޑިއާ އާއި ގުޅިގެން ޓެލި ކިލާހުގެ ނަމުގައި ޓިވީ މެދުވެރރިކޮށް ދަރިވަރުންނަށް އުނގަންނައި ދޭން ފެށުނެވެ.

މިދެންނެވި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ދަނިކޮށް ދިވެހިރާއްޖެ ސިއްސުވާލީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ފުރަތަމަ ފަހަރަށް މާލެއިން ކޯވިޑް 19 ގެ ބަލިމީހަކު ފެނުމުގެ ހިތާމަވެރި ޚަބަރާއެކުގައެވެ. އެހާހިސާބުން މުޅި މާލެ ސަރަޙައްދާއި ރާއްޖޭގެ ބޮޑުބައެއް ފުރަބަންދުވީއެވެ. ރާއްޖޭގައި ކުރަމުންދިޔަ ގިނަ މަސައްކަތްތަކާއި އިޤުތިޞާދީ ހުރިހާ ޙަރަކާތްތަކެއް ވަގުތީ ގޮތުން ހުއްޓުނީއެވެ.

އެހެންނަމަވެސް ރާއްޖޭގައި މަސައްކަތް ކުރައްވާ މުދައްރިސުން އެބޭފުޅުންގެ މަސައްކަތް ވަރުބަލިކަމެއް ނެތި ކުރިއަށް ގެންދެވިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެރީން އެބޭފުޅުންގެ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކުރެއްވިއެވެ. ޙާލަތާއި ގުޅިގެން މަންޙަޖަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ސްކޫލްތަކުގެ ވެރީންނާއި މުދައްރިސުންނަށް ދެއްވަންޖެހޭ އިރުޝާދު ދެއްވުމާއި އަރުވަންޖެހޭ ލަފާތައް އެރުއްވުމުގައި ސާބިތުކަމާއެކު ދެމިތިއްބެވިއެވެ.

މިފަދަ ޙާލަތެއްގައި ދަރިވަރުންނަށް އެންމެ ރަގަޅަށް އުނގަންނައި ދިނުމުގެ މަސައްކަތް ކުރެވޭނީ މުދައްރިސުންނަށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ހުނަރާއި އެކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިގެންކަން ޤަބޫލު ކުރައްވައި، ރާއްޖޭގައި ކިޔަވައިދެއްވާ ޓީޗަރުން ގޫގުލް ފޯރ އެޑިއުކޭޝަންގެ އެކި ޕްރޮގްރާމްތަކަށް ތަމްރީނު ކުރައްވަން ފެއްޓެވިއެވެ.

1 ޖުލައި 2020 ވަނަ ދުވަހު ނިއުނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފެށުނުއިރު ރާއްޖޭގެ ޓީޗަރުންގެ އާބާދީގެ ބޮޑުބައެއް ވަނީ ގޫގުލް ފޯރ އެޑިއުކޭޝަންގެ އެކި ފެންވަރުގެ ކޯސްތައް ފުރިހަމަކޮށް، ސެޓްފިކެޓް ޙާޞިލް ކުރައްވާފައެވެ. އަދި މިވަގުތުވެސް ގިނަ ޢަދަދެއްގެ މުދައްރިސުން ގެންދަވަނީ އެތަމްރީނު ފުރިހަމަ ކުރައްވަމުންނެވެ.

ނަތީޖާއަކީ ކޯވިޑް 19 ގެ ޙާލަތުގައިވެސް އަދި ޤައުމަށް ދިމާވާ އެހެނިހެން ޙާލަތްތަކުގައިވެސް ދަތިކަމެއް ނެތި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ މަގު އަދުގެ ސަރުކަރާރަށް ހޯދިފައިވުމެވެ. މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ވިސްނުންފުޅާއި ޙިކުމަތުގެ ބޭނުން ކުރައްވައިގެން، ރާއްޖޭގައި ތިއްބެވި ޢިލްމީ ޤާބިލު ޓީޗަރުންނަކީ ހުރިހާ ޙާލަތެއްގައިވެސް ކިޔަވައިދެވޭފަދަ ހުނަރުވެރި ބަޔަކަށް ބަދަލު ކުރައްވައިފިއެވެ. ޝައްކެއްނެތެވެ.

ފުރަބަންދުގައި ތިބެގެން މުދައްރިސުންނަށް ހޯއްދަވައިދެއްވި ތަމްރީނަކީ މުޅި ޤައުމުގެ ކުރިމަގު އޭގެމައްޗަށް ބިނާ ވެފައިވާ އަގުހުރި ހުނަރެއްކަން ޔަޤީނެވެ. އެހެންކަމުން ފުރަބަންދުގައި ތިބެ ދިވެހިޤައުމުގައި ކުރެވުނު އެންމެ އަގުހުރި މަސައްކަތަކީ ތަޢުލީމީ ދާއިރާއިން ކޮށްފައިވާ މަސައްކަތް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އަދި ދަތި އުނދަގޫ ޙާލަތުގައިވެސް މީހުން ބިނާކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވިފައި ވުމަކީ ޤައުމަކަށް ނޫނީ ސަރުކާރަކަށް ކުރެވިފައިވާ ކާމިޔާބު މަސައްކަތެއްކަން ޤަބޫލު ކުރަމެވެ.

އަޅުގަނޑަކީވެސް ސްކޫލެއްގައި ކިޔަވައިދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާތާ 20 އަހަރު ދުވަސްވެފައިވާ މުދައްރިސަކަށް ވެހުރެ، "ނިއުނޯމަލްގެ ޔުނިފޯރމްގައި" 1 ޖުލައި 2020 ވަނަ ދުވަހު ކިޔަވާ ކުދީންގެ އަބާދީ ބޮޑު ރާއްޖޭގެ ސްކޫލަކަށް ވަޒީފާއަށް ނިކުތް އިރު ފެނުނު މަންޒަރުން އެތަކެއް އިޙުސާސް ކުރެވުނެވެ.

ނިއުނޯމަލްގައި ސްކޫލްތައް ހުޅުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރައްވާފައިވާ މަސައްކަތުގެ ބޮޑުކަމާއި އެކަމުގެ ބުރަކަމާއި، ކަމަށް ދެއްވާފައިވާ ސަމާލުކަން އިޙުސާސް ކުރެވުނެވެ. ވަކި ތަރުތީބަކުން ސްކޫލަށް ދަރިވަރުން އިޖުތިމާޢީ ގައިދުރުކަމުގައި ތިބެގެން ވަދެގެން ދިޔަ ހިނދުން ފެށިގެން އެދަރިވަރުން ސްކޫލުގައި ހޭދާ ކުރި ވަގުތު ތަކާއި ދަރިވަރުން ގެއަށް ދިއުމަށްފަހު އެދަރިވަރުންނާއި މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސްކޫލްތަކުން ކުރައްވާ މަސައްކަތް ފެނި، ތަޢުރީފް ކުރުން މަތީ ބަސްހުއްޓިފައި ހުރެވުނެވެ.

ޝައްކެއްނެތެވެ. މިއަދު ނިއުނޯމްލްގައި ސްކޫލްތައް ހުޅުވައި، ދަރިވަރުންނާއި، މުދައްރިސުންނާއި މުއައްޒަފުންނަށް ހޯއްދަވައި ދެއްވަމުން ގެންދަވާ ރައްކާތެރިކަމަކީ ފުރަބަންދުގައި ތިއްބަވައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވަޒީރާއި އެވުޒާރާގެ އެހެނިހެން ވެރީންނާއި މުއައްޒަފުންނާއި ސްކޫލްތަކުގެ ވެރީންނާއި މުއައްޒަފުން ކުރައްވާފައިވާ ބުރަ އަދި ވިސްނުންތެރި މަސައްކަތުގެ ނަތީޖާއެވެ. މިފަދަ އަގުހުރި މަސައްކަތެއް ކުރައްވަފާއިވާ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއެއްގެވެސް ޒިންމާއެއް ކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ.