Last Updated: April 24, 11:19
Wednesday, April 24, 2024
ޚަބަރު

އައްޑޫ ނޭޗަރ ޕާކު މާދަމާ ހުޅުވަނީ

Photo: Facebook

އައްޑޫ ނޭޗާ ޕާކު މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން މިޕާކު 13 މާރިޗުގައި ބަންދު ކުރުމަށް ފަހު އާންމުންނަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ. އެގޮތުން އެ ޕާކުން ވަނީ ޕާކަށް ޒިޔާރަތް ކުރާ ފަރާތް ތަކުން އަމަލު ކުރަންވާ ގޮތުގެ ތަފްސީލު، ޕާކުގެ ފޭސް ބުކް ޕޭޖުގައި ޝާއިރު ކޮށްފައެވެ.

މި އިރުޝާދު ތަކުގައިވާ ގޮތުން، ޕާކަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ޕާކަށް ޒިޔާރަތް ކުރެވޭނީ ކުރިޔާލާ ބުކިންގ ހެދުމަށް ފަހު އެވެ. އަދި ބުކިންގ ހަމަ ޖެހިފައިވާ ގަޑީގެ 15 މިނެޓު ކުރިން ހުރިހާ ފަރާތް ތަކުން ވެސް ޕާކަށް އައުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ބުކިންގ ގަޑީގެ 15 މިނެޓު ފަހުން ޕާކަށް ނާންނަ ފަރާތްތަކުގެ ބުކިންގ ކެންސަލް ކޮށްލެވޭނެ ކަމަށްވެސް އިރުޝާދު ގައި ވެއެވެ.

މީގެ އިތުރުން، ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް އެ ފަރާތެއްގެ އައިޑީ ކާޑު ހިފައިގެން ޕާކަށް އައުމަށާއި، ޕާކަށް އައިސް ބޭނުން ކުރާ ވަސީލަތް ތަކަށް ފައިސާ ދެއްކުމުގައި ހަމަ އެކަނި ބަލައި ގަނެވޭނީ ބޭންކް ޓްރާންސްފަރ ނުވަތަ އޮންލައިން ޕޭމެންޓެއް ކަން ޕާކުން ވަނީ ހާމަ ކޮށްފައެވެ. އަދި ޕާކުގައި އެއްވެސް ވަރަކަށް ޕްލާސްޓިކް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ޕާކަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ޕާކަށް އަންނަން ވާނީ މާސްކު އަޅައިގެންނެވެ. އަދި ޕާކުގެ މުވައްޒަފެއް ލައްވާ އެ ފަރާތެއްގެ ހުން ހުރި މިންވަރު ބަލަން ވާނެއެވެ. މީގެއިތުރުން ހުރިހާ ވަގުތެއްގައި ވެސް އެކަކު އަނެކަކާއި 3 ފޫޓުގެ ދުރު މިނެއް ބަހައްޓައި، އިށީނުމަށް ހަމަ ޖެހިފައިވާ ތަރުތީބުން އިށީނދެ ތިބުމުގެ އިތުރުން، މުވައްޒަފުންގެ އިރުށާދާއި އެއްގޮތަށް ކިއުގައި މަޑުކުރުމަށްވެސް ޕާކުން ވަނީ އިލްތިމާސް ކޮށްފައެވެ.

އާންމު ރައްކާތެރި ކަމަށްޓަކައި ކެއްސާ ކިނބިހި އެޅުމުގައި އުޅަނބޮށިން އަނގަޔާއި ނޭފަތް ނިވާ ކުރުމަށާއި، ގިނަ ގިނައިން އަތް ދޮވުމަށްވެސް ޕާކުގެ އިރުޝާދުގައި ފާހަގަ ކޮށްފައިވެއެވެ.

ނިއު ނޯމަލްގައި ޕާކު ހުޅުވާ އިރު، ކުރިޔާއި އަޅާ ބަލާފައި، ޕާކަށް ޒިޔާރަތް ކުރެވޭ ގަޑިތަކަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، ޕާކު ހުޅުވަން ހަމަ ޖެހިފައިވަނީ

– އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، އަދި ބުރާސްފަތި ދުވަހެއްގެ:
08:00 – 09:00
10:00 – 11:00
13:00 – 14:00
15:00 – 16:00
17:00 – 18:00

– ހުކުރު ދުވަހުގެ:
08:00 – 09:00
13:00 – 14:00
15:00 – 16:00
17:00 – 18:00

– ހޮނިހިރު ދުވަހުގެ:
13:00 – 14:00
15:00 – 16:00
17:00 – 18:00

އިތުރު މައުލޫމާތާއި ބުކިންގެ ގެ ޚިދުމަތް ލިބިލައްވާނީ، ޕާކުގެ ހޮޓްލައިން، 7580059 އިންނެވެ.