Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އަމާޒަކީ 20،000 ބިދޭސީން މިއަހަރު ފޮނުވާލުން: މިނިސްޓަރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. --ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން މިއަހަރު ފޮނުވާލުމަކީ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅިގެން މަޖިލީހަށް ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންްގެ ތެރެއިން 20،000 މީހުން އެމީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެވެ.

މިކަން ކުރަން ބޭނުންވަނީ އިންސާފުވެރިކަމާ އެކުގައި ކަމަށާއި ނުރުހުމުގައި އެއްވެސް މީހަކު އަނބުރާ ގައުމަށް ފޮނުވާލުމަށް ގަސްތު ނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ގަސްތެއް ނުކުރަން އަދިއެއް ނުރުހުމުގައި ފޮނުވާކަށް. އެެ ފުރުސަތު އެބައޮތް. އަޅުގަނޑާއި ދިމާލަށް ކޮންމެ އެއްޗެއް ކޮންމެ މީހަކު ބުންޏަސް ދިވެއްސެއްގެ ހައިސިއްޔަތުން މިކަމުގައި އަޅުގަނޑު ލަދުވެތިވަން އެމީހުންނާ ދޭތެރޭގައި ކަންތައްތައް ވެފައި އޮތް ގޮތުން. އަޅުގަނޑު ބޭނުން ތާރީހުގައި ލިޔެވިގެން ދާން މިކަން ރާއްޖެއިން ކުރީ އިންސާފުވެރިކަމާއި އެކުގައިކަން" މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފެށުމުން އެނބުރި ގައުމަށް ދާން ބޭނުންވާ އެތައް ބަޔަކު ތިބިކަން އެނގިގެން ގޮސްފައިވާ ކަމަށާއި އެނބުރި ގައުމަށް ދިޔުމުން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ބައެއް މީހުން ފިލާފައި ވެސް އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވަނީ ކޮވިޑްގެ މަރުހަލާ އައުމުގެ ކުރިން ގަވާއިދުގެ ތެރެއަށް ވަނުމަށް އެދި 43،000 ބިދޭސީން އެދިފައިވާ ކަމަށާއި ކޮވިޑްގެ ކަންކަމާ ދިމާނުވި ނަމަ އޭގެތެރެއިން ގިނަ ބަޔަކު ގަވާއިދުގެ ތެރެއަށް މިހާރު ހުންނާނީ ފެއްތިފައި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑަށް މޫފަޅައި މުޅި ރާއްޖެ އަށް ފެތުރިފައިވާ ކަމެއް ކަމަށާއި، މިކަން ހައްލުކުރުމަށް ކުރާ މަސައްކަތަށް ބައެއް ފަރާތްތަކުން ހުރަސްއަޅަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ފުރުސަތު ދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދޭ ކަމަށާއި އެކަން ނުވެއްޖެނަމަ އޭނާއާ ދޭތެރޭގައި މަޖިލީހުން ފިޔަވަޅު ވެސް އެޅުއްވިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 4،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެއިން ފުރުވާލާފައެވެ.