Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

މިސްކިތައް އަންނަ ފަރާތްތަކުން ގައިޑްލައިނަށް އަމަލުނުކުރާ ކަމުގެ ޝަކުވާ ލިބޭ

މިސްކިތައް އަންނަ ފަރާތްތަކުން ގައިޑްލައިނަށް އަމަލުނުކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުޅުވާލާފައިވަނީ މިސްކިތައް ނަމާދަށް އަންނަ ފަރާތްތަކާއި، ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ ޤައިޑްލައިނެއް އާންމުކުރުމާއެކުގައެވެ.

ނަމަވެސް މިސްކިތަށް އަންނަ ފަރާތްތަކުން އެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުނުކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިގޮތުން މިސްކިތަށް އަންނައިރު މާސްކް ނޭޅުމާއި، މުސައްލަ ނުގެނައުމުގެ މައްސަލަ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ނަމާދުގައި ތިބޭ ފަރާތްތަކުން މާބޮޑަށް ގާތްގާތުގައި ތިބޭ މައްސަލަ ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެޗް.ޕީ.އޭ އާއި މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކަށް ސަމާލުކަން ނުދޭނަމަ އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު އޮންނާނެކަމަށް ވިދާޅުވެފައެވެ.

މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި މޭޔަރު ސިފާ ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި އެކަމާއި ހަވާލުވެ ތިއްބެވި ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވިއެވެ.

މިސްކިތްތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުން ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.