Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައިން ޔާމީން އަކީ ކުށްވެރިއެއް ނޫންކަން ކަށަވަރުވެއްޖެ

އެމްއެމްޕީއާރްސީގެ މައްސަލަ އިން އަނެއްކާވެސް ކަށަވަރުވެގެން މިދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ކުށްވެރިއެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަންވުމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ އިން އަނެއްކާވެސް ކަށަވަރުވެގެން މިދިޔައީ ޔާމީން އަކީ ކުށްވެރިއެއް ނޫންކަން ކަމަށެވެ. އަދި ގަސްދުގައި މި ސަރުކާރުން ޔާމީނަށް އަނިޔާކުރާކަން ވެސް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދީބުގެ މައްސަލައިގައި މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.