ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒު އޮޅެންޖެހޭ ކަމެއް ނޫން ކަމެއް ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ރައްދު ދެއްވައިފިއެވެ.
އިޔާޒުގެ ރައްދު އީވާ އަށް އަމާޒުކުރައްވާފައިމިވަނީ ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަ ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ އިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އީވާ ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. އީވާ އިޔާޒަށް ފާޑު ވިދާޅުވީ ޖިންސީ ފުރައްސާރައިން ރައްކާތެރިވާން އައުރަ ނިވާކޮށް، މަހުރަމަކާ އެކީ ދަތުރު ކުރުމަށް ގޮވާލާއި އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވަނީ ފާހިޝް އަމަލުތަކަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް އަންހެން މީހާ ލާ ހެދުން ބަދަލުކުރަންޖެހޭ ކަމަށް ބުނުމަކީ މުޑުދާރު ވާހަކައެއް ކަމަށާއި އިޔާޒު މެންފަދަ ބޭފުޅުން މިހާރު ދަނީ އިސްލާމްދީން އަސްލު ދަންނަ ބޭކަލުންނަށް ހުތުރު އަރުވަމުން ކަމަށެވެ.
"އެ ލޮބުވެތި ދީން އެ ބޭނުންކުރަނީ ދިވެހި ހުރިހާ އަންހެނުންނަށް، އުއްމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަން ވެގެން. އަޅުގަނޑު ތި ޑރ.އިޔާޒަށް ދަންނަވާލަން ބޭނުން، ހަބަރުދާރޭ، ހުއްޓާލާށޭ، ފަހަތަށް ޖެހޭށޭ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތި ޓްވިޓާ ހޭންޑަލް ބޭނުންކުރިއްޔާ މި މައިކު އަޅުގަނޑުގެ އަތުގައި އޮތް ހިނދަކު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި އެކުރާ ފަޟީހަތް ކުރަން، އެކުރާ ގޯނާކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު އޭނާއާ ދެކޮޅު މި މައިކް އޭނާއާ ދެކޮޅަށް ބޭނުން ކުރާނަމޭ" އީވާ ވިދާޅުވިއެވެ.
އީވާގެ މި ވާހަކަތަކާ ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.
"މަޖިލީހުގެ ގޮނޑި އަށް ލިބުމަކީ މީހާ ސައިޒު އޮޅެންޖެހޭ ވަރުގެ ކަމެއް ނޫން" އީވާ އަށް އަމާޒުކޮށް އިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން އިޔާޒު ވަނީ މީހަކު ކިތަންމެ ރުޅި އައި ނަމަވެސް، ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.