Last Updated: October 22, 20:03
Thursday, October 22, 2020
ޚަބަރު

ތިން މަސް ދުވަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވައިފި

ލޮކްޑައުންއަށް ފަހު ރާއްޖެއަށް އެތެރެވި ފުރަތަމަ ފަތުރުވެރިން: ފޮޓޯ - ސަން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ރާއްޖޭގެ ބޯޑަރު ބައިނަލްއަގުވާމީ ދުނިޔެއަށް ބަންދުކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފަހުން މިއަދު ބޯޑަރު ހުޅުވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ ވެސް މަރުހަބާ ކިޔާފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެއަށް ދަތުރުކުރި 129 ފަތުރުވެރިންނަށެވެ. މިފަތުރުވެރިންނަށް ދިވެހީންގެ ނަމުގައި އެއާޕޯޓުގައި ވަނީ ޚާއްސަ މަރުހަބާއެއް ކިޔާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހީނަރުވެފައި އޮތް ދިވެހި އިގްތިސޯދު އަލުން އަނބުރާ ނެގުމަށް ސަރުކާރުން ވަނީ ފަތުރުވެރިކަން ވަރަށް ބޮޑަށް އިޝްތިހާރު ކޮށްފައެވެ. އޮން-އެރައިވަލް ވިސާ ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވިޔަސް ރާއްޖެއިން ލިބޭއިރު ކޮވިޑަށް ޓެސްޓުކުރެވޭ އިންތިޒާމު އެއާޕޯޓުގައި ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް ޓެސްޓުކުރަނީ ހަމައެކަނި ބަލީގެ އަލާމާތްތައް ފެންނަން ހުރި ފަރާތްތަކެވެ. ސަރުކާރުން ވަނީ އެއާޕޯޓުގައި ނިއު ނޯމަލްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ރިސޯޓުތަކުގައި ވެސް ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅާފައެވެ.

މިއަދު އިތުރު ދެ ފްލައިޓު ރާއްޖެއަށް އަންނާނެ ކަމަށް ޚަބަރު ލިބޭއިރު އެ ދެފްލައިޓުވެސް އަންނާނެ ކަމަށް ބެލެވެނީ ފުލް ކޮށެވެ.