Last Updated: April 20, 06:31
Saturday, April 20, 2024
ޚަބަރު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން، އަޅުގަނޑެއް ނޫން: ޣައްސާން

ގައްސާން މައުމޫން - ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަން އޮޅުވާނުލުމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓެއްގައި ދެން ރައީސްކަމަށް އަންނާނެކަމަށް ގިނަ މީހުން ޣައްސާނަށް ވޯޓު ދީފައިވާތީ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޣައްސާން ވިދާޅުވީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެއީ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ގޮތް ކަމަށެވެ.

"ހަމަ ސާފުކޮށްލަ ދިނީ" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވިއިރު ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން މިހާރު އޮތް ގޮތުން ޔާމީނަށް ދެން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ދައުލަތުން ދާދިފަހުން ވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.