Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އަލީ ވަހީދުގެ މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގައިފިއެވެ.

އަލީ ވަހީދާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް 15 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، މިއީ މައްސަލައިގެ ތަހުގީގުގެ ތަންކޮޅެއް ކުރީކޮޅު ކަމުން އިތުރު މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި އަލީ ވަހީދުގެ ބަޔާނެއް އަދި ނަގާފައިނުވާ ކަމަށާއި، އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ތަހުގީގަށް ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށްޓަކައި ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ގެ ބަލައި ފާސްކުރުމަށްފަހު، ފުލުހުން ވަނީ ފޯނާއި ލެޕްޓޮޕް ތަހުގީގަށް ގެންގޮސްފައެވެ. އެ ތަކެތިން ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ފެނިފައިވޭތޯ ސުވާލުކުރުމުން ފުލުހުން ވަނީ މިވަގުތު އެފަދަ މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމުން އިސްތިއުފާ ދެއްވަން އޭނާ އަށް އަންގަވާފައެވެ.

ނަމަވެސް ރައީސް އެންގެވި ގޮތަށް އިސްތިއުފާ ނުދެއްވުމުން، އެމަނިކުފާނު ވަނީ އަލީ ވަހީދު މަގާމުން ވަކިކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން މިހާރު ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ.