Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ސަފާރީ މައްސަލަ: ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ ނުފޫޒެއް އޮވެގެނެއް ނޫން

މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލީ ނުފޫޒެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން އެ ދެ މީހުން ވެސް ފުލުހުން ވަނީ ދޫކޮށްލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މި ހާދިސާގެ ކަންކަން ފުރިހަމަކޮށްފައި ހުރި ތަރުތީބަށް ބަލާއިރު އެއްވެސް ހިސާބެއްގައި ކަންކުރަން އޮތްގޮތް ނޫން ގޮތަކަށް ފުލުހުން ކަމެއް ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އަދި މި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރެވުނު ދެ މީހުން ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް ނެތްކަން ވަރަށް ސާފުކޮށް އިތުބާރާއެކު ދަންނަވަން ކެރޭ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.

"އެ ނިންމުމަކީ، އެ ނިންމުން ނިންމަން ހަވާލުވެ ހުރި ފަރާތުން އެ ފަރާތަށް ލިބިފައި ހުރި ތަޖުރިބާ އާއި އެ ފަރާތަށް ލިބިފައި ހުރި ތަމްރީނާއި، މިކަހަލަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ބަލާފައި ނުފޫޒެއް ނެތި ނިންމި ނިންމުމެއް ކަމަށް ކަށަވަރުވޭ" މަންނާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރަނީ ދެ މީހަކަށް ކަމަށާއި އިތުރު ބަޔަކަށް އަދި މިހާތަނަށް ތުހުމަތު ނުކުރެވޭ ކަމަށްވެސް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް 11 މީހެއްގެ ބަޔާން ނަގާފައިވާއިރު، އަންހެން މީހާގެ ފޯނު މޫދު އަޑިން ހޯދާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.