Last Updated: March 29, 16:45
Friday, March 29, 2024
ވިޔަފާރި

ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީވާން އަންގައިފި

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން ރަޖިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އަންގާ ކަމަށެވެ.

އަދި އެ ތާރީހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާ ކަމެއްކަމަށާއި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން ރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 9 ވަނަމާއްދާގެ ދަށުން ރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުނަނާއި ނުސީދާގޮތުންވިއަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަންޖެހެއެވެ.