Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

2-0 އިން މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު އާސެނަލް އިން ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔައިރު މި ހާފުގައި ސިޓީއަށް ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފްގައި ސިޓީން ކުޅުންް އަވަސްކޮށް، އާސެނަލްގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މަހްރޭޒް ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު މާޓިނޭޒް ދިފާއުކުރިއިރު، ޑޭވިޑް ސިލްވާ އާއި ކެޑިވް ޑެ ބްރައިނާ އަދި ރަހީމް ސްޓާލިން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ނަތީޖާ އެއްވަރުކުރުމަށް ސިޓީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދަނިކޮށް، މެޗުގެ 71 ވަނަ މިނެޓްގައި އާސެނަލް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އޮބާމަޔަން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ފައިނަލުން އާސެނަލް އަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި 21 ވަނަ ފަހަރެވެ. މި މުބާރާތް އާސެނަލް އިން 13 ފަހަރު ކާމިޔާބުކޮށްފައިވާއިރު، މިއީ އެފްއޭކަޕްގެ ރެކޯޑެކެވެ.

މުބާރާތުގެ ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ، ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް މިރޭ ބައްދަލުކުރާ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. ފައިނަލް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.