Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ދިވެހިންނަކީ ގުނބޯ ހެދޭނެ ބައެއް ނޫންކަން ސާބިތުކޮށްދޭނަން: އުމަރު

ދިވެހިންނަކީ ގުނބޯ ހެދިގެންދާނެ ބައެއް ނޫން ނޫންކަން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސާބިތުކޮށްދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި އުމަރު މިއަދު އަވަސް އިން ގެނެސްދޭ "ފަށަމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ސިޔާސީ ޕާޓީތައް ތައްގަނޑަށް އެޅި ތައްގަނޑު ހަރުވެފައި ކަމަށާއި، ނަމަވެސް ތައްގަނޑު ހަރުވެފައި އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެގޮތުން ރިޔާސީ ނިޒާމުތަކުގައި ތައްގަނޑުތައް ހަރުނުވާނެ ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމް ފިޔަވައި އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ ކަމަށް ބުނާ ބުނުން ގަބޫލުނުކުރައްވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ދައްކާނަން އެމްޑީޕީ އަށް ވެސް ޕީޕީއެމަށް ވެސް، ދިވެހި ރައްޔިތުންނަކީ އަސްލުގައި ހަމަ ގުނބޯ ހެދިގެންދާ ބައެއް ނޫންކަން. ލޯމަރައިގެން ޕާޓީއެއްގެ ފަހަތުން، ނަން ފިލާގަނޑު ފަހަތުންދާ ބައެއް ނޫންކަން" އުމަރު ވިދާޅުވިއެވެ.

ރިޔާސީ ނިޒާމުތަކުގައި ވޯޓުލާ ގިނަ މީހުން ވޯޓުލާނީ ޕާޓީގެ ބަދަލުގައި ސީދާ މީހާއަށް ކަމަށާއި، ޕާޓީއަށް ވޯޓުލާނީ ހަމައެކަނި ޕާޓީގެ މީހުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އާންމުންގެ ތެރެއިން ގިނަ މީހުން ވޯޓުލާނީ މީހާއަށް. މީހާއަކީ ކާކުތޯ، ކޮބާތޯ އޭނާގެ ސްޓޭންޑަކީ، އޭނާއަކީ އިންސާފުވެރިއެއްތޯ، ތެދުވެރިއެއްތޯ، އަދުލުވެރިއެއްތޯ، އޭނާ އަކީ ކޮންކަހަލަ މީހެއްތޯ ބަލާފައި ވޯޓު ލާނީ" އުމަރު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމާއި ހިލާފަށް ރިޔާސީ ނިޒާމުތަކުގައި ކަންކަން ބަދަލުވާނެ ކަމަށާއި ޕާޓީތަކުން ބުނާހާ ގޮތަކަށް ރައްޔިތުން ކަންކަން ކުރާނެ ކަމަށް ބުނާ ބުނުމަކީ ތެދެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި އެކަން އިންތިހާބުގައި ސާބިތުކޮށްދެއްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.