Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އުމުރުފުޅުން 84 އަހަރުގެ ސަލްމާން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ގޯލްބްލެޑާ އަށް ދިމާވި މައްސަލައަކާ ގުޅިގެން މެޑިކަލް ޗެކަޕެއް ހެދުމުގެ ގޮތުން ކަމަށް ސައުދީގެ ސްޓޭޓް މީޑިއާ އިން ހާމަކުރެއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އިރާގުގެ ބޮޑުވަޒީރު ސައުދީ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ވެސް މިހާރު ވަނީ ފަސްކުރައްވާފައެވެ.

2015 އަހަރުން ފެށިގެން ސައުދީ ރަސްކަމުގެ ތަހުތުގައި ހުންނެވި ސަލްމާން މީގެކުރިން ވަނީ ސައުދީގެ ކްރައުން ޕްރިންސް އާއި ބޮޑުވަޒީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައެވެ. އަދި ސައުދީގެ ވެރިރަށް ރިޔާޟުގެ ގަވަރުނަރުކަން ސަލްމާން ވަނީ 50 އަހަރަށް ވުރެ ގިނަ ދުވަހަށް ކުރައްވާފައެވެ.

ސަލްމާނަށް ފަހު ސައުދީގެ ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން އެވެ.