Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

ބެލޮންޑިއޯ އެވޯޑު މިއަހަރު ނުދޭން ނިންމައިފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް މިއަހަރު ނުދޭން ނިންމައިފިއެވެ.

ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑު މިއަހަރު ނުދޭން ނިންމުމާ ގުޅޭގޮތުން އެ މަޖައްލާ އިން ބުނީ މިއަހަރަކީ ކޮވިޑް-19 ގެ ސަބަބުން ކަންކަން ތަފާތު ގޮތަކަށް ދިޔަ އަހަރަކަށް ވުމުންނާއި، ކަންކަން މިއަހަރު ދިޔަ ގޮތުން އެންމެ އިންސާފުވެރިކަމާއެކު މި އެވޯޑު ދެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އެގޮތުން ބައެއް ލީގުތަކުގެ ކުޅުން ކުރިއަށް ނުގެންގޮސް ނިންމާލަން ޖެހިފައިވާ ކަމަށާއި، އެވޯޑަށް އިންސާފުކުރާ 220 ނޫސްވެރިންގެ ސަމާލުކަން ވެސް ދިމާވި ހާއްސަ ހާލަތާއި ގުޅިގެން ފުޓްބޯޅަ އަށްވުރެ ބޮޑަށް އެހެން ކަންކަމަށް އެނބުރިފައިވާ ކަމަށްވެސް ފްރާންސް ފުޓްބޯލް އިން ބުނެއެވެ.

މި ހާލަތުގައި މި އެވޯޑުގެ ކަންކަން ކުރިއަށް ގެންދަން ބޭނުން ނުވާތީ، މިއަހަރު އެވޯޑު ނުދޭން ނިންމީ ކަމަށްވެސް އެ މަޖައްލާ އިން ބުނެއެވެ.

މިއީ 1956 ވަނަ އަހަރަށްފަހު ބެލޮންޑިއޯ އެވޯޑު ނުދޭން ނިންމި ފުރަތަމަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

މި އެވޯޑު މިދިޔަ އަހަރު ހާސިލުކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ އެމެރިކާގެ މަޝްހޫރު ތަރި މެގަން ރެޕީނޯއެވެ.