Last Updated: April 23, 11:36
Tuesday, April 23, 2024
ކުޅިވަރު

ރޮނާލްޑޯގެ ރެކޯޑަކާއެކު ޔުވެންޓަސް ލީގު ނެގުމާ ގާތަށް

2-1 އިން ލާޒިޔޯ ބަލިކުރުމަށްފަހު އިޓާލިއަން ލީގު ނެގުމާ ގާތަށް ޔުވެންޓަސް އިން ޖެހިލައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިހާރު އޮތީ 80 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 72 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާން އޮތްއިރު ލީގު ކަށަވަރުކުރުމަށް ޔުވެންޓަސް އަށް މިހާރު ބޭނުން ވަނީ ހަތަރު ޕޮއިންޓެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ރޮނާލްޑޯ ކާމިޔާބުކުރި މި ދެ ގޯލާއެކު އިޓާލިއަން ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ ޖުމްލަ އަދަދު މިހާރު ވަނީ 51 އަށް އަރާފައެވެ. ރޮނާލްޑޯ މިހާރު ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ބޮޑު ތިން ލީގުގައި 50 އަށް ވުރެ ގިނަ ގޯލު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ޕްރިމިއާ ލީގުގައި 84 ގޯލު އަދި ސްޕެނިޝް ލީގުގައި 311 ގޯލެވެ.

ރޭގެ މެޗުގައި ލާޒިޔޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުުގެ ފޯވާޑް ސިރޯ އިމޯބިލޭއެވެ.

ރޭގެ މޮޅާއެކު ލީގު ނެގުމާ ގާތަށް ޔުވެންޓަސް ޖެހިލާފައިވާއިރު، މިއީ އެޓީމުން ޖެހިޖެހިގެން ލީގު ނަގާ 9 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.