އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ބޮޑު މޮޅެއް ހޯދިއިރު، އާސެނަލް ބަލިވެއްޖެއެވެ.
ރޭގެ ނަތީޖާތަކާއެކު ލީގުގެ ދެވަނައިގައި ސިޓީ މިހާރު އޮތީ 78 ޕޮއިންޓާ އެކުއެވެ. އާސެނަލް އޮތީ 53 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.
ސިޓީ ރޭ މޮޅުވީ ލީގުގެ 18 ވަނައިގައި އޮތް ވޮޓްފޯޑްއާ ބައްދަލުކޮށް 4-0 އިންނެވެ.
ވޮޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 31 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓާލިން ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު މެޗުގެ 63 ވަނަ މިނެޓްގައި ޒުވާން މިޑްފީލްޑަރު ފިލް ފޮޑެން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓް ފަހުން ލަޕޯޓް ވަނީ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
އާސެނަލް ރޭ ބަލިވީ ލީގުގެ 17 ވަނައިގައި އޮތް އެސްޓަންވިލާއާ ބައްދަލުކޮށް 1-0 އިންނެވެ.
އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ވިލާ އަށް ކާމިޔާބުކޮށްދިނީ ޓްރެޒެގޭއެވެ. ދެވަނަ ހާފްގައި ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް އެސްޓަންވިލާ އިން ވަނީ ތަނަވަސްކޮށްފައެވެ.
އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާ އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު، މި މެޗުގައި ވިލާގެ ގޯލާއި އަމާޒުކޮށް އާސެނަލް އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.