Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެދާނެ: ޓްރަމްޕް

ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ ހާލަތު އިތުރު ގޯސްވެދާނެ ކަމަށާއި، އެންމެން ވެސް މާސްކު އެޅުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސްކުރައްވައިފިއެވެ.

މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓްވީ ވެސް އަދި މަރުވެފައިވަނީ ވެސް އެމެރިކާ އިންނެވެ. އެގޮތުން ގާތްގަނޑަކަށް އެމެރިކާގެ 3.9 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، 141،000 މީހުން ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.

އިއްޔެ ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ހާލަތު ރަނގަޅުވުމުގެ ކުރިން ހާލަތު އަދި ގޯސްވެދާނެ ކަމަށް ސިއްހީ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވާފައިވާ ކަމަށާއި މިއީ ދައްކަން ބޭނުންވާ ވާހަކައަކަށް ނުވި ނަމަވެސް ކަން އޮތީ މިގޮތަށް ކަމަށެވެ.

މީގެކުރިން މާސްކު އެޅުމަށް ދެކޮޅު ހައްދަވަމުން ގެންދެވި ޓްރަމްޕް ރޭ ވަނީ މާސްކު އެޅުމަށް އެގައުމުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

"މާސްކާއި މެދު ހިތްހަމަ ޖެހުނަސް، ނުޖެހުނަސް އޭގެއިން ރަނގަޅު އަސަރެއް ފެނޭ. މިކަމުން ސަލާމަތްވާން ބޭނުން ކުރެވެން ހުރި ހުރިހާ އެއްޗެއް ބޭނުން ކުރަންޖެހޭ" ޓްރަމްޕް ވިދާޅުވިއެވެ.

މާސްކު އެޅުމުގެ އިތުރުން ގައިދުރުކަަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް އަތްދޮވެ، ހައި ރިސްކު ކެޓެގަރީގެ މީހުން ގޭގައި މަޑުކުރުމަށް ވެސް ޓްރަމްޕް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޓްރަމްޕް މިކަމަށް އިލްތިމާސްކޮށްފައިމިވަނީ ވައިރަހުގެ ކަންކަމުގައި ޓްރަމްޕް އަމަލުކުރައްވާ ގޮތުން އޭނާ އަށް އާންމުންގެ މެދުގައި އޮތް ތާއީދު ބޮޑުތަނުން ދަށްވަމުންދާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފައިވާ ދަނޑިވަޅެއްގައެވެ.