Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އޮސްޓްރޭލިއާގެ "ސައުތް ފްރިމަންޓަލް ސީނިއާ ހައި ސްކޫލް" ކާބަން ނިއުޓްރަލް ވުމަށް ކުރި ދަތުރު

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ސައުތް ފްރިމަންޓަލް ސީނިއާ ހައި ސްކޫލް ޕްރިންސިޕަލް އަދި އެ ސިޓީގެ ފާހަގަ ކޮށްލެވޭ ބޭފުޅުންތަކެއް އިސް ނަގައިގެން ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާއަކީ އެންމެ އަހަރެއްގެ ތެރޭގައި މުޅި ސްކޫލުގައި ބޭނުން ކުރެވޭ ކަރަންޓަކީ %100 އިއާދަ ކުރެވެނިވި ހަކަތައިން އުފައަދާފައިވާ ކަރަންޓު ކަމުގައި ވުމެވެ.

އެ ދުވަސްވަރު އެ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއެއް ކަމުގައިވާ ކާރޓިން ޔުނިވާރސިޓީގެ ޕްރޮފެސާ ޕީޓާ ނިއުމަން ސްކޫލުގެ ޕްރިންސިޕަލަށް މި ޙިޔާލު ދިނުމާއެކު މިކަމަށް ޙާއްސަ ބޯޑެއް އެކުލަވާލުމަށް ފަހު އަމަލީ މަސައްކަތް ފެށްޓެވިއެވެ.
މި ގޮތުން ބޭއްވުނު ފުރަތަމަ ބޯޑު ބައްދަލުވުމުގައި މި ޕްރޮޖެކްޓް ހިންގުމަށް އޮފިޝަލަކު ހަމަޖައްސަވައި ކާބަން ބޭނުން ކުރާވަރު މަދުކޮށް ސްކޫލުން ހަކަތަ ބޭނުން ކުރާ މިންވަރު މަދުކުރުމަށާއި އިއާދަ ކުރެނިވި ހަކަތަ ބޭނުން ކުރަން ޙާއްސަ ޤަރާރެއް ފާސް ކުރެއްވިއެވެ.

މިކަން ޙާސިލު ކުރުމަށްޓަކައި ދަރިވަރުންގެ ތެރޭގައި ކަރަންޓު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމުގެ ޕްރޮގުރާމްތައް ހިންގައި ގަސް އިންދުމުގެ ހަރާކާތް ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސްކޫލްގެ ގޯތި ތެރޭގައި 30،000 ގަސް ވަނީ އިންދާފައެވެ.

އަދި 2012ވަނަ އަހަރުގައި އޮސްޓްރޭލިއާ ސަރުކާރުން ރަސްމީގޮތުން މި ސްކޫލް ވަނީ އޮސްޓްރޭލިއާގެ ފުރަތަމަ %100 ކާބަން ނިއުޓްރަލް ސްކޫލުގެ ގޮތުގައި ސާރޓިފައި ކޮށްފައެވެ.