Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ލިވަޕޫލް އިން ތަށި އުފުލާލައިފި

5-3 އިން ޗެލްސީ ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލް އިން ތަށި ރަސްމީކޮށް ރޭ އުފުލާލައިފިއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް އިން މިހާރު ވަނީ 96 ޕޮއިންޓު ހޯދާފައެވެ. ޗެލްސީ އޮތީ 63 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގައި ދެން ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ އެއް މެޗު ކަމަށްވާއިރު، ލީގުގެ ގަދަ ހަތަރެއް ކަށަވަރު ކުރަން ޗެލްސީ އަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގަދަ ހަތަރެއް ކަށަވަރުކުރާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ކެއިޓާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ކެއިޓާ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 38 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ހިލޭޖެހުމަކުން އާނޯލްޑު އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓް ފަހުން ވައިނަލްޑަމް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އޮލިވިއޭ ޖިރޫ ޗެލްސީ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ފަމީނޯ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލާއެކު ޗެލްސީން ޕުލިސިޗް އާއި އަބްރަހަމް މެންފަދަ ކުޅުންތެރިން އެރުވިއިރު މެޗުގެ 61 ވަނަ މިނެޓްގައި އަބްރަހަމް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި މެޗުގެ 73 ވަނަ މިނެޓްގައި ޕުލިސިޗް ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ، އެޓީމަށް ވަނީ އުއްމީދެއް ގެނެސްދީފައެވެ. ނަމަވެސް ނަތީޖާ އެއްވަރުކުރުމަށް ޗެލްސީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލާފައިވަނިކޮށް މެޗުގެ 84 ވަނަ މިނެޓްގައި ޗެމްބަލޭން ވަނީ ލިވަޕޫލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗަށްފަހު ލީގު ތަށި ލިވަޕޫލްއާ ހަވާލުކޮށްފައިވާއިރު، ތަށި އުފުލާލީ އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ.

ލީގުގެ ފަހު މެޗުތައް އަންނަ އާދީއްތަ ދުވަހު ކުޅޭއިރު، ލިވަޕޫލް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ޗެލްސީ ބައްދަލުކުރާނީ ވުލްވްސްއާއެވެ.