Last Updated: July 10, 06:03
Thursday, July 10, 2025
ވިޔަފާރި

ފެނަކަ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރަކާތެއް ފަށައިފި

ފެނަކައިގެ ބްރާންޗުތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންދާ ހިދުމަތްތަކުގެ ބޭނުން ކުރާ ފަރާތްތަކުން ހިދުމަތް ހޯދުމަށްފަހު، ހިދުމަތުގެ އަގުގެ ގޮތުގައި ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވާތީ އެ ފައިސާ ހޯދަން ހަރަކާތެއް އެ ކުންފުނިން ފަށައިފިއެވެ.

"ފެނަކަ ކަލެކްޝަން ޑޭ" ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ހުރިހާ ބްރާންޗެއް ހިމެނޭހެން މިއަދު ހަވީރު 6 ޖެހުމާ ހަމައަށެވެ.

ފެނަކައިން ބުނީ މި ހަރަކާތުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ބިލުތަކަށް ފައިސާ ނުދެއްކިވާ ހުރިހާ ފަރާތްތަކާއި ބައްދަލުކޮށް، ފައިސާ ނުދެއްކިގެން އުޅޭ ސަބަބު އޮޅުންފިލުވައި، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތަކަށް ވީ އެންމެ އަވަހަކަށް ފައިސާ ދެއްކުމަށް މަގުފަހިވާނެ ގޮތެއް ހޯދުން ހިމެނޭ ކަމަށެވެ.

އަދި ފެނަކައިން ތައާރަފްކޮށްފައިވާ "ބިލް ޕޭ އެޕްލިކޭޝަން" މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމަށް ކަސްޓަމަރުން އަހުލުވެރިކޮށް ބިލް ޕޭ އެޕް ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދީ އިންސްޓޯލްކޮށްދިނުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ އިން ވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެންދެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ސިފަސިފައިގައި ބްރާންޗުތަކުން މި ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.