Last Updated: April 20, 09:47
Saturday, April 20, 2024
ދުނިޔެ

ސައުދީ ރަސްގެފާނުގެ އޮޕަރޭޝަން ކާމިޔާބު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އޮޕަރޭޝަން ކާމިޔާބުކަމަށް އެ ދައުލަތުގެ މީޑިޔާ އިން ބުނެފިއެވެ.

ސައުދީގެ ދައުލަތުގެ މީޑިޔާ އިން ބުނީ ކިންގް ފައިސަލް ހޮސްޕިޓަލުގައި ރަސްގެފާނު ސަލްމާންގެ ގޯލްބްލެޑާ ނަގަން ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޮޕަރޭޝަނަށް ފަހު ރަސްގެފާނު ދުވަސްކޮޅަކަށް ހޮސްޕިޓަލުގައި އޮންނަވާނެ ކަމަށެވެ.

އުމުރުފުޅުން 84 އަހަރުގެ ސަލްމާން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އިރާގުގެ ބޮޑުވަޒީރު ސައުދީ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ވެސް މިހާރު ވަނީ ފަސްކުރައްވާފައެވެ.

2015 އަހަރުން ފެށިގެން ސައުދީ ރަސްކަމުގެ ތަހުތުގައި ހުންނެވި ސަލްމާން މީގެކުރިން ވަނީ ސައުދީގެ ކްރައުން ޕްރިންސް އާއި ބޮޑުވަޒީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައެވެ. އަދި ސައުދީގެ ވެރިރަށް ރިޔާޟުގެ ގަވަރުނަރުކަން ސަލްމާން ވަނީ 50 އަހަރަށް ވުރެ ގިނަ ދުވަހަށް ކުރައްވާފައެވެ.

ސަލްމާނަށް ފަހު ސައުދީގެ ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން އެވެ.