Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

އެފްޑަބްލިއުއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހެންޑަސަން އަށް

ފުޓްބޯޅަ ނޫސްވެރިންގެ ޖަމާއަތް ނުވަތަ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) ގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ހެންޑަސަން އަށް މި އެވޯޑު ލިބުނުއިރު، އޭނާގެ ފަހަތުން ދެވަނަ އަށް ދިޔައީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ އެވެ. ތިންވަނަ ހޯދީ މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އެވެ.

މި އެވޯޑާއި ހަވާލުވުމަށްފަހު ހެންޑަސަން ބުނީ މި އެވޯޑު އޭނާ ގަބޫލުކުރަނީ މުޅި ލިވަޕޫލްގެ ސްކޮޑުގެ ފަރާތުން ކަމަށާއި ޓީމުގެ ކުޅުންތެރިންނާއި ނުލައި އޭނާ އަށް ކާމިޔާބެއް ވެސް އަދި މިފަދަ އެވޯޑެއް ވެސް ކާމިޔާބު ނުކުރެވުނީސް ކަމަށެވެ.

"ޓީމުގެ ކުޅުންތެރިން އަހަރެން ރަނގަޅު ކުޅުންތެރިއަކަށް ހަދައިދިނީ، ރަނގަޅު ލީޑަރަކަށް ހަދައިދިނީ އަދި ރަނގަޅު މީހަކަށް ހަދައިދިނީ ވެސް. އަހަންނަށް ވޯޓު ދިން ހުރިހާ އެންމެން ވެސް މުޅި ޓީމުން ކުރި މަސައްކަތް ބަލައިގަނެގެން ވޯޓު ދިން ކަމަށް އުއްމީދުކުރަނީ" ހެންޑަސަން ބުންޏެވެ.

ހެންޑަސަން އަކީ މި އެވޯޑު ކާމިޔާބުކުރި ލިވަޕޫލަށް ނިސްބަތްވާ 12 ވަނަ ކުޅުންތެރިޔާއެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އިން ހޯދިއިރު، މިދިޔަ ސީޒަނުގައި އެޓީމުން ވަނީ ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބު ވޯލްޑް ކަޕް ހޯދާފައެވެ. އަދި މި ސީޒަން ފެށުމުގެ ކުރިން ކުޅުނު ޔޫއެފާ ސުޕަ ކަޕް ވެސް ހޯދީ ލިވަޕޫލް އިންނެވެ.

ކައިރިކައިރީގައި ގިނަ ކާމިޔާބީތަކެއް ލިވަޕޫލް އިން ހޯދަމުން އަންނައިރު، އަންނަ އާދީއްތަ ދުވަހު ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗާއެކު އެޓީމަށް މި ސީޒަން ނިމޭނެއެވެ.