Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

އިންޑިއާ އިން އެއް ދުވަހުން 49،000 މީހުން ޕޮޒިޓިވް

އިންޑިއާ އިން މިދިޔަ 24 ގަޑިއިރުތެރޭގައި އެކަނި 49،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ 24 ގަޑިއިރުތެރޭ އެކަނި އެގައުމުން ވަނީ 49،310 މީހުން ބައްޔަށް ޕޮޒިޓިވްވެ، 740 މީހުން މަރުވެފައެވެ. އިއްޔެ އަކީ އެއް ދުވަސްތެރޭ އިންޑިއާ އިން އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މި އަދަދުތަކާއެކު އިންޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ އެއް މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 30،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އިންޑިއާ މިހާރު ވެފައިވަނީ މުޅި ދުނިޔެ އިން ވެސް ތިންވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ގައުމަށެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ ބްރެޒިލް އިން ކަމަށްވާއިރު، މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ.

އިންޑިއާގެ ހާލަތު ގޯސްވަމުންދާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވިގެން ރިޕޯޓުކޮށްފައިވަނީ އިންޑިއާގެ ފަސް ސްޓޭޓަކުންނެވެ. އެއީ މަހާރަޝްތްރާ އާއި އަންދްރަ ޕްރަދޭޝް އާއި ޓެމިލް ނާޑޫ އާއި ކަރްނާޓަކާގެ އިތުރުން އުއްތަރް ޕްރަދޭޝް އިންނެވެ.