Last Updated: April 24, 22:58
Wednesday, April 24, 2024
ކުޅިވަރު

ފްރެންޗް ކަޕް ޕީއެސްޖީން ކާމިޔާބުކޮށްފި

ސެއިންޓް އެޓިއެންގެ މައްޗަށް 1-0 އިން ކުރި ހޯދައި ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އޭޕްރީލް މަހު ފްރާންސްގެ ލީގު ނިންމާލި ފަހުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ.

މި ގޯލަށްފަހު ޕީއެސްޖީން އިތުރު ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔައިރު، މެޗުގެ 29 ވަނަ މިނެޓްގައި ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސެއިންޓް އެޓިއެންގެ ޑިފެންޑަރު ލޮއިކް ޕެރިން އަށް ރަތްކާޑު ދައްކާފައެވެ.

އެ ފައުލާއި ގުޅިގެން އެމްބާޕޭ އަށް މެޗުގެ ބާކީބައި ފުރިހަމަ ކުރެވޭ ގޮތް ވެފައިނުވާއިރު، އަންނަ މަހު ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ އެރޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ޕީއެސްޖީން ސެއިންޓް އެޓިއެންގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް އިތުރު ގޯލެއް އެޓީމަށް މި ހާފުގައި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއީ ޕީއެސްޖީން ފްރެންޗް ކަޕް ހޯދި 13 ވަނަ ފަހަރެވެ. މި ސީޒަނުގެ ފްރެންޗް ލީގު ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ.