މިނިވަން ދުވަހު ކުރަން މިޖެހެނީ އަޅުވެތިކަމުގެ އިހުސާސް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މާދަމާ އަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާއިރު ޑިފެންސް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުމާރީ ބާރަކުން ގައުމު ހިސޯރު ކުރުމުން ފެންނާނެ ކަންކަން މި ގައުމުން ފެންނަ ކަމަށް ސަރުކާރުން ގަބޫލުކޮށްގެން ހަނު ތިބުމަކީ ގައުމަށް ވެވޭ އިހުމާލެއް ކަމަށެވެ.
އަދި އެއީ ގައުމަށް ގައްދާރުވުން ކަމަށާއި މިނިވަންކަމުގެ ދިފާއުގައި އެންމެ ތެދުވަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވިއިރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަމަލުތައް ހުރިގޮތުން ބޭރުގެ ބަޔަކު ރާއްޖެ އަރައި ހިފުމާ އެއްފަދަ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދާދިފަހުން ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައެވެ.
އަދި އެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ބިދޭސީންގެ އިހުތިޖާޖުތަކަކީ ހަމައެކަނި މުސާރަ ނުދީގެން ކުރާ އިހުތިޖާޖުތަކެއް ނޫން ކަމަށާއި އެ އިހުތިޖާޖުތަކުގެ އަޑީގައި އެހެން ކަންތައްތަކެއް ވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ވާހަކަތަކާ ގުޅިގެން އިދިކޮޅުން ވަނީ މާރިޔާ އެ ވިދާޅުވާ ކަންތައްތަކަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލާފައެވެ.