Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ޖެހިޖެހިގެން 9 ވަނަ ފަހަރަށް ޔުވެންޓަސް އިން ލީގު ކާމިޔާބުކޮށްފި

ޖެހިޖެހިގެން 9 ވަނަ ފަހަރަށް އިޓާލިއަން ލީގު ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ބާކީ ދެ މެޗު އޮއްވާ ޔުވެންޓަސް އިން ލީގު ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 83 ޕޮއިންޓާ އެކުއެވެ. 76 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އިންޓަ މިލާން އޮތްއިރު ކުރިއަށް ހުރި މެޗުތަކުން އެޓީމު މޮޅުވިޔަސް ދެން ޔުވެންޓަސްއާ އަރާ ހަމަ ނުކުރެވޭނެއެވެ. ލީގުގެ ތިންވަނައިގައި 75 ޕޮއިންޓާ އެކު އޮތީ އެޓަލާންޓާއެވެ.

ޔުވެންޓަސް އިން ރަނގަޅަށް ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މި ސީޒަނުގައި ރޮނާލްޑޯ ކާމިޔާބުކުރި 31 ވަނަ ގޯލެކެވެ.

ޔުވެންޓަސްގެ ދެވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ބާނަޑެސްކީ ކާމިޔާބުކޮށްދިންއިރު، މެޗުގެ 77 ވަނަ މިނެޓްގައި ސަމްޕްޑޯރިއާގެ ތޯސްބީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

މިއީ ޔުވެންޓަސް އިން ޖެހިޖެހިގެން ހޯދި 9 ވަނަ ލީގު ތަށި ކަމަށްވާއިރު، މިއީ އެޓީމުގެ ތާރީހުގައި ހޯދި ޖުމްލަ 38 ވަނަ ލީގު ތަށްޓެވެ.

ޔުވެންޓަސް އިން ލީގު ހޯދާފައިވާއިރު ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް އެޓީމަށް އަދި އެބައޮތެވެ. އެގޮތުން އެ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަންނަ މަހު ޔުވެންޓަސް އިން ލިޔޯންއާ ދެކޮޅަށް ނިކުންނާނެއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ލިޔޯން އިންނެވެ.ޛެހި