Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޗެލްސީ އާއި ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ވޮޓްފޯޑް އާއި ބޯންމަތް ރެލިގޭޝަނަށް

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީ އާއި ޔުނައިޓެޑް ޖާގަ ހޯދިއިރު، ވޮޓްފޯޑް އާއި ބޯންމަތް ޕްރިމިއާ ލީގުން ރެލިގޭޓް ވެއްޖެއެވެ.

ލީގުގެ ފަހު މެޗުތައް ރޭ ކުޅެ ނިމިފައިވާއިރު، ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލް ލީގު ނިންމާލީ 99 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 81 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނަ ހޯދި ޔުނައިޓެޑް އަދި ހަތަރުވަނަ ހޯދި ޗެލްސީ އަށް ލިބުނީ 66 ޕޮއިންޓެވެ. ޔުނައިޓެޑަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ.

ބޯންމަތް އާއި ވޮޓްފޯޑްގެ އިތުރުން ދެން ޕްރިމިއާ ލީގުން މިފަހަރު ރެލިގޭޓްވީ ނޯވިޗް ސިޓީ އެވެ.

ޗެލްސީ ގަދަ ހަތަރެއް ރޭ ކަށަވަރުކުރީ ވުލްވްސްއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ދެ ގޯލު ވެސް އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭގައެވެ. އެގޮތުން ފުރަތަމަ ގޯލު އެޓީމަށް ލިބުނު ހިލޭޖެހުމަކުން މޭސަން މައުންޓް ކާމިޔާބުކުރިއިރު، ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ.

ޔުނައިޓެޑް ރޭ މޮޅުވީ ގަދަ ހަތަރަކަށް އެންމެފަހު ވަގުތާ ޖެހެންދެން ވާދަކުރި ލެސްޓަ ސިޓީއާ ބައްދަލުކޮށް 2-0 އިންނެވެ. މެޗުން މޮޅުވެގެން ނޫން ގޮތަކަށް ގަދަ ހަތަރަކަށް އެރެން ލެސްޓާ އަށް ނެތްއިރު އެޓީމުން ވަނީ އެކަން ކުރުމަށް މި މެޗުގައި ވަރަށް ބޮޑަށް ހިތްވަރުކޮށްފައެވެ.

ނަމަވެސް މެޗުގެ ފަހު 20 މިނެޓްތެރޭ ޔުނައިޓެޑުން ކާމިޔާބުކުރި ދެ ގޯލާއެކު އެޓީމު ވަނީ މެޗުން ބަލިވެފައެވެ. ޔުނައިޓެޑްގެ މި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފާނަންޑޭސް ކާމިޔާބުކޮށްދިންއިިރު ދެވަނަ ގޯލު ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑްއެވެ.

ވޮޓްފޯޑް ލީގުން ރެލިގޭޓްވީ ރޭ އާސެނަލްއާ ބައްދަލުކުރި މެޗުން 3-2 އިން ބަލިވުމުންނެވެ. އަދި އެވަޓަންގެ މައްޗަށް 3-1 އިން ބޯންމަތް އިން ކުރި ހޯދި ނަމަވެސް އެޓީމު ރެލިގޭޓްވީ ވެސްޓްހަމް އަތުން ބަލިނުވެ އެސްޓަން ވިލާ ފަރުޖައްސާލުމާ ގުޅިގެންނެވެ.