Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

ބެންގަލޫރުން ކޮވިޑަށް ޕޮޒިޓިވްވި 3000 މީހުން ފިލައިފި

އިންޑިއާގެ ބެންގަލޫރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 3000 އަށް ވުރެ ގިނަ މީހުން ފިލައިފިއެވެ.

ބެންގަލޫރްގެ އޮފިޝަލަކު "ޓައިމްސް އޮފް އިންޑިއާ" އަށް މައުލޫމާތުދެމުން ވިދާޅުވީ ބެންގަލޫރުން މި ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި 3،338 މީހުންގެ ނަތީޖާ ވެސް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް އެމީހުން އުޅޭތަނެއް ނޭނގުމުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކުން ދީފައިވާ ފޯނު ނަމްބަރާއި ގޭގެ އެޑްރެސް ވެސް ނުބައި ކަމަށާއި ލެބްތަކުން މީގެފަހުން މިކަމުގައި އަމަލުކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން މީގެފަހުން ލެބުތަކުން ސާމްޕަލް ނަގާ މީހުންގެ އައިޑީ ކާޑު ކޮޕީ ނެގުމަށް ހަމަޖެހިފައިވާއިރު އޯޓީޕީ ނަމްބަރެއް ވެސް ކޮންމެ މީހަކަށް ދިނުމަށް މިހާރު ލެބުތަކަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެންގަލޫރުން މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ހޮސްޕިޓަލުތަކުގެ އެނދުުތައް ފުރުމުގެ މައްސަލަ ވެސް މިހާރު ވަނީ ކުރިމަތިވާން ފަށާފައެވެ. އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ޕޮޒިޓިވްވީ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ބެންގަލޫރުގެ މީހުންނެވެ.