Last Updated: April 23, 13:19
Tuesday, April 23, 2024
ދުނިޔެ

ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ސާބިތުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ސާބިތުވާ ކަމަށް އެގައުމުގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުފުޅުން 67 އަހަރުގެ ނަޖީބުއާ ދެކޮޅަށް އުފުލި ހަތް ދައުވާ ސާބިރުވިއިރު އޭގެތެރޭގައި މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުންކުރެއްވުމާއި، މަނީ ލޯންޑަރިންގް ފަދަ ދައުވާތައް ހިމެނެއެވެ.

މި ހުރިހާ ދައުވާތަކެއް ވެސް ގުޅިފައިވަނީ މެލޭޝިޔާގެ ތަރައްގީގެ ފަންޑުން އެތައް ބިލިއަން ޑޮލަރެއް ލޫޓުވާލި މައްސަލައާއެވެ. މިކަން ހިނގާފައިވަނީ ނަޖީބު ވެރިކަމުގައި ހުންނެވި ދުވަސްވަރުއެވެ.

މި ދައުވާތައް ސާބިތުވުމުން ނަޖީބުގެ މައްޗަށް 15-20 އަހަރާއި ދެމެދުގެ ޖަލު ހުކުމަކާއެކު ބޮޑު އަދަދެއްގެ ޖޫރިމަނާއެއް އަންނާނެއެވެ. ދައުވާތައް ސާބިތުވުމުން ނަޖީބުގެ މައްޗަށް އަންނާނެ އަދަބު މިއަދު މެންދުރު ބާއްވާ ޝަރީއަތުގެ އަޑުއެހުމެއްގައި އިއްވާނެއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ނަޖީބުގެ ވަކީލުން ވަނީ ކޮވިޑް-19 ގެ ސަބަބުން ގައުމު މިވަގުތު ލޮކްޑައުންގައި ވެސް އޮތުމާއެކު އަދަބާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތް އަންނަ ހަފްތާ އަށް ފަސްކުރުމަށް އެދިފައެވެ.

ނަޖީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވިއިރު، މި ހުކުމް އިއްވުމުގެ ކުރިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަޖީބު ވަނީ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުނާފް މަރުހަލާއިން އޭނާ އަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނަޖީބު ވިދާޅުވެފައިވެއެވެ.

މިއީ މެލޭޝިއާގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް މިފަދަ ދައުވާތަކެއް ސާބިތުވި ފުރަތަމަ ފަހަރެވެ.