Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ޔާމީންއާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭތީ ވަކީލުން ކަންބޮޑުވެއްޖެ

ރައީސް ޔާމީން -- ފޮޓޯ / އަވަސް

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭތީ އެމަނިކުފާނުގެ ވަކީލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެމީހަކު އިހުތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުސަތު ލިބުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށްވެސް ލިއްބައިދޭ ހައްގެއް ކަމަށެވެ.

ނަމަވެސް ކޮވިޑް19 އާ ގުޅިގެން ކަމަށް ބަޔާންކޮށް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ، ގާނޫނީ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅަމުންދާ ކަމަށް އެބަޔާނުގައި ވަކީލުން ބުނެފައި ވެއެވެ.

"ކޮވިޑް19 އާ ގުޅިގެން އިއުލާނުކުރި ލޮކްޑައުންގެ ގިނަ އުސޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ރައީސް ޔާމީނާގުޅޭ ބައެއް ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީއަތްތަކުގައި ރައީސް ޔާމީނަށް ލިއްބައިދޭ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު އަޅުގަނޑުމެން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަން،" އެ ބަޔާނުގައި ވެއެވެ.

އަދި ރައީސް ޔާމީން އެމަނިކުފާނުުގެ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ، މިމަހު އަށްވަނަ ދުވަހު ރައީސް ޔާމީން ހައިކޯޓަށް ހާޒިރުކޮށް ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި އެކަން ހައިކޯޓަށް ހުށަހެޅުއްވުމުން ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުން ދައުލަތަށް އަންގަވާފައިވީ ނަމަވެސް އެ ފުރުސަތު ނުލިބޭ ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.

އެގޮތުން ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީނާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށް ވަކީލުން ބުނެފައިވެއެވެ.

އެހެންކަމުން ރައީސް ޔާމީނަށް ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ ގާނޫނުއަސާސީން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ހުރަސް ނޭޅުމަށް ވަކީލުން ވަނީ ގޮވާލާފައެވެ.