Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު 12 އަހަރަށް ޖަލަށް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ސާބިތުވެފައިތީ އޭނާ 12 އަހަރަށް ޖަލަށްލާން މެލޭޝިއާގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުފުޅުން 67 އަހަރުގެ ނަޖީބުއާ ދެކޮޅަށް އުފުލި ހަތް ދައުވާ ސާބިތުވިކަން ކޯޓުން ކަނޑައެޅީ މިއަދު ހެނދުނުއެވެ. އެ ދައުވާތަކުގެ ތެރޭގައި މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުންކުރެއްވުމާއި، މަނީ ލޯންޑަރިންގް ފަދަ ދައުވާތައް ހިމެނެއެވެ.

މި ހުރިހާ ދައުވާތަކެއް ވެސް ގުޅިފައިވަނީ މެލޭޝިޔާގެ ތަރައްގީގެ ފަންޑުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ ނަޖީބުގެ ވެރިކަމުގެ ދުވަސްވަރުއެވެ. މިއަދުގެ އަޑުއެހުމުގައި ނަޖީބު ވަނީ ތަކުރާރުކޮށް 42 މިލިއަން ރިންގިޓްގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މި ދައުވާތައް ސާބިތުވުމުން އަދަބެއް ކަނޑައެޅުމަށް މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ނަޖީބު 12 އަހަރަށް ޖަލަށްލުމާއެކު 49 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މި ޖޫރިމަނާ ނުދެއްކިއްޖެނަމަ ނަޖީބަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ކޯޓުން ވަނީ ކުރި ހުކުމުގައި ބުނެފައިވެއެވެ.

ނަޖީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވިއިރު، މި ހުކުމް އިއްވުމުގެ ކުރިން ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ނަޖީބު ވަނީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިފިނަމަ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުނާފް މަރުހަލާއިން އޭނާ އަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނަޖީބު ވިދާޅުވެފައިވެއެވެ.

މިއީ މެލޭޝިއާގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް މިފަދަ ދައުވާތަކެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ނަޖީބުގެ އިތުރުން އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ އުފުލާފައެވެ.